މާލެ: 31°C
ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ކޮރަޕްޝަންގެ އަނދަވަޅެއްގައި: ހީނާ

ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ކޮރަޕްޝަންގެ އަނދަވަޅެއްގައި: ހީނާ

April 16, 2024
3 ފަހަރު ބަލާފައި
ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ކޮރަޕްޝަންގެ އަނދަވަޅެއްގައި: ހީނާ
އެމްޑީޕީގެ ވެރިކަމަށް ފަހު ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ގައުމު އޮތީ ކޮރަޕްޝަންގެ އަނދަވަޅެއްގައި ކަމަށް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ޕީޕީއެމް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަރުޖަމާނު ހީނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރު ނިމުނުއިރު ގައުމު ވައްޓާލާފައިވާ ފުން އަނދަވަޅުން ގައުމު ސަލާމަތްކޮށް ހަމައަކަށް އެޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކެނޑިނޭޅި ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ހީނާ ވިދާޅުވި ގޮތުގައި އެމްޑީޕީން މަސައްކަތްކުރަމުން ގެންދަނީ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރާށެވެ. އެއީ އެމްޑީޕީން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި އިގްތިސާދަށް ދީފައިވާ ގެއްލުންތައް ބައްލަވަން ރައީސް މުއިއްޒު މަސައްކަތްކުރައްވާތީ އެކަން ހުއްޓުވުމަށް އެމްޑީޕީން ބޭނުންވާތީ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އިދިކޮޅު އެމްޑީޕީގެ އެޑުވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވަނީ އެމްޑީޕީއަށް އަޣުލުބިއްޔަތު ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. މިކަމަށް ރައްދު ދެއްވާ ހީނާ ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ވިސްނުމުގެ ބަދަލުގައި، އިދިކޮޅު އެމްޑީޕީގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ބަދަލުހިފުމަށްކަމަށެވެ. އަދި، މިކަންކަން މިހާރު އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ދައްކާ ވާހަކަތަކުން ވަރަށް ސާފުކޮށް ފެންނަމުންދާކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން، އެމްޑީޕީން އެޖެންޑާ 20 ގެނައުމުގެ އެންމެ ބޮޑު މަޤްސަދަކީ ވެސް އެއީ ކަމަށް ހީނާ ވަނީ ތުހުމަތުކުރެއްވިއެވެ. ހީނާ ވިދާޅުވީ، އެމްޑީޕީން ދައްކަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއްކަމަށެވެ. ހީނާ ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމުގެ ނަމުގައި އެޖެންޑާ 19 އުފައްދާ، އެ އެޖެންޑާއިން ވެސް ރައްޔިތުން ކަންބޮޑުވާ އެއްވެސް ކަމަކަށް ޙައްލެއް ގެނެސްދެވިފައި ނުވާކަމަށެވެ. މީގެ އިތުރުން ހީނާ އިދިކޮޅު ފަރާތްތަކުން ކުރައްވާ އެންޓި-ކެމްޕެއިން އާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެބޭފުޅުން ކެމްޕެއިން ކުރައްވަނީ އިންތިޚާބާއި ބެހޭ ޤާނޫނާއި ޚިލާފު ނުވާ މިންގަނޑެއްގެ ތެރޭގައިތޯ ބަލާ ކަށަވަރު ކުރުމަށް ހީނާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ