ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ރ.މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ރ. މާކުރަތު، މަލަ / ޠަލްޙަތު ނަސީމް (40އ) އާއި ރ. މާކުރަތު، ފަލަކު / އަޙްމަދު ޝާފިޢު (23އ) އާއި ރ. މާކުރަތު، ބަނބުކެޔޮގަސްދޮށުގެ / އިސްމާޢީލް ރަޝީދު (46އ) އެވެ.
ފުލުހުން ބުނީ ޑިންގީއެއްގައި މާކުރަތަށް އެމީހުން ފޭބުމުން ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޠަލްޙަތު ނަސީމް 10 ދުވަހަށް އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.







