ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބާރސެލޯ ނަސަންދުރާގައި މި އަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކޯލިޝަން އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަަހީމް ޢަބްދުالله އެވެ. އަދާލަތު ޕާޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން މި ސަރުކާރުގެ ދައުރު ބާކީ އޮތް 2 އަހަރާއި އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ އާއިއެކު އަދާލަތު ޕާޓީން އެއްކޮށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މީގެ ކުރިން ވަނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަނާކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުގައި ތަރައްޤީކުރުމަކީ، ޢަދާލަތު ފާޓީ އުފެދިފައިވާ މައިގަނޑު މަޤްސަދަށްވާތީ ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް، ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަގަތު ހުރި ގޮތްކަމަށް ދެކޭ ކަމަަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ.







