މާލެ: 31°C
އެޗްޑީސީގެ ބޯޑުން ޒުހޫރު ވަކިކޮށްފި

އެޗްޑީސީގެ ބޯޑުން ޒުހޫރު ވަކިކޮށްފި

May 22, 2024
3 ފަހަރު ބަލާފައި
އެޗްޑީސީގެ ބޯޑުން ޒުހޫރު ވަކިކޮށްފި
ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުންނާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އަހުމަދު ޒުހޫރު ވަކިކޮށްފިއެވެ. ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން ބުނީ މިއަދުން ފެށިގެން އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމުންނާއި ބޯޑު މެމްބަރުކަމުން ޒުހޫރު ވަކިކޮށްފައިވާ ކަމަށެވެ. އެޗްޑީސީން ޒުހޫރު ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ. އެޗްޑީސީގެ ބޯޑަށް ޒުހޫރު އައްޔަނުކޮށް ޗެއާމަނަކަށް އޭނާ ހަމަޖައްސާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 19 ވަނަ ދުވަހުއެވެ. އެޗްޑީސީގެ ޗެއާމަންގެ މަގާމުން ޒުހޫރު ވަކިކޮށްފައިވާއިރު، އޭނާއަކީ ރައީސް ޔާމީނު ސަރުކާރުގައިވެސް އެންމެ ގިނަ އިސް މަގާމުތައް ފުރުއްވި އެއް ބޭފުޅާއެވެ. މިގޮތުން ޒުހޫރު ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ޒުވާނުންގެ މިނިސްޓަރުކަމުގެ އިތުރުން ހެލްތު މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ހޯމް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރެއްވިއެވެ. ޒުހޫރު ވަނީ މެރިޓައިމް އެފެއާޒްގެ އިތުރުން، އެކައުންޓިން އެންޑް ފައިނޭޝަލް މެނޭޖްމަންޓާއި،  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ. ކުއްލިގޮތަކަށް ސަރުކާރު ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުން ވަކިކުރަމުންދާއިރު، މިއަދު ވަނީ އެމްއެމްޕީއާރުސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން މިފްކޯގެ ސީއީއޯކަމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށް މިއަދުގެ ވަގުތެއްގައި އޭނާ ވަނީ، ފިޝަރީޒް މިނިސްޓްރިީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ