މާލެ: 31°C
ރާއްޖޭގައި ގާއިމްވެ ތިބީ 76 ސިފައިން، އެންމެން ފޮނުވާލައިފި

ރާއްޖޭގައި ގާއިމްވެ ތިބީ 76 ސިފައިން، އެންމެން ފޮނުވާލައިފި

May 11, 2024
3 ފަހަރު ބަލާފައި
ރާއްޖޭގައި ގާއިމްވެ ތިބީ 76 ސިފައިން، އެންމެން ފޮނުވާލައިފި

ޑރ. މުހައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ގާއިމްވެތިބި އިންޑިއާގެ 76 ސިފައިން އަނބުރާ ގައުމަށް ފޮނުވާލައި، މިސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދު ފުއްދައިފިއެވެ.ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޤައުމަށް އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ފޮނުވާލެވުނުކަން ރަސްމީކޮށް އިއުލާންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫނެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެތިބިއިރު މިދިޔަ މާޗު އެއް ބަޔަކު ވަނީ ފޮނުވާލާފައެވެ. އަދި އޭޕްރިލް މަހުވެސް އިންޑިއާގެ ސިފައިންގެ ބަޔަކު ފޮނުވާލިއިރު، އެންމެފަހު ގްރޫޕް ވަނީ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން ފައިބާފައެވެ. އިންޑިޔާސިފައިން ރާއްޖޭގައި ގާއިމްވެތިބި ތަންތަނާއި އަދަދުތައް:

އައްޑޫ ސިޓީ ގަން 7 މާރޗުގައި 12 ސިފައިން 9 މާރޗުގައި 14 ސިފައިން ޖުމްލަ : 26 ސިފައިން ހދ. ހަނިމާދޫ 7 އޭޕްރީލް 13 ސިފައިން 9 މެއި 12 ސިފައިން ޖުމްލަ: 25 ސިފައިން ލ. ކައްދޫ 7 މެއި 12 ސިފައިން 9 މެއި 13 ސިފައިން ޖުމްލަ: 25 ސިފައިން ތިން ސްޓޭޝަނުގައި ތިިބި ޖުމްލަ 76 ސިފައިން

މީގެ އިތުރުން ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާގައި އިންޑިޔާ ސިފައިންގެ ޑޮކްޓަރުން ބަލިމީހުން ބަލަމުން ގެންދެއެވެ.

ނޫސްވެރިިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސެނެހިޔާގައި ތިބި ސިފައިންނަކީ ޑޮކްޓަރުން ކަމަށާއި އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. "ސެނެހިޔާގައި ތިއްބެވި ޑޮކްޓަރުންނަކީ ސިފައިންގެ އެދުމުގެ މަތިން ސިފައިންނަށް ހިދުމަތްކުރުމަށް އައިސް ތިބި ޑޮކްޓަރުން، ރައީސްގެ ވިސްނުންފުޅަކީ އެމީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުމެއް އޮތް ނަމަ، ގެންދިޔުމަށް އިންޑިއާ ސަރުކާރުގައި ދަންނަވާނެ، އެހެން ނަމަވެސް މިވަގުތަށް އެކަމުގެ ނީޑެއް އޮތް ކަމަކަށް ނުދެކެން،" ވަޒީރު ވިދާޅުވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ސެނެހިޔާގައި ތިބި އިންޑިއާ ސިފައިންގެ ޑޮކްޓަރުންގެ ޒިންމާއަކީވެސް ބަލި މީހުން ބެލުން ކަމަށެވެ. އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އެމީހުންގެ ނޯންނާނެ ކަމަށް ވަޒީރު ޣައްސާނު ވިދާޅުވިއެވެ. އަދި އުތުރު ތިލަފަޅުގައިވެސް އެއްވެސް އަސްކަރީ އިންޑިއާ ސިފައިންގެ މީހެއް ނެތް ކަމަށްވެސް ޣައްސާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ