މާލެ: 31°C
ކުޑަގިރި އިތުރަށް ތަރައްގީކުރަން ނިންމައިފި

ކުޑަގިރި އިތުރަށް ތަރައްގީކުރަން ނިންމައިފި

May 2, 2024
2 ފަހަރު ބަލާފައި
ކުޑަގިރި އިތުރަށް ތަރައްގީކުރަން ނިންމައިފި
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި މިދޔަ ސަރުކާރުގައި ހަދާފައިވާ ޕިކްނިން އައިލެންޑް، ކުޑަގިރި މިހާރަށް ވުރެ ފުރިހަމައަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ކުޑަގިރި ވިއްކާލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު 'އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ އަށް ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ތަރައްގީކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ. "ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްގީކުރާނެ،" ހީނާ ވިދާޅުވިއެވެ. މާލޭން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ ރައީސް ސޯލިހް ވެރިކަމުގައި ފަޅެއްގެ ގޮތުގައި އޮތް ތަނެއް ހިއްކާ، ޕިކްނިކް ދިއުމަށް ހާއްސަ ރަށެކެވެ. އެ ތަނުގައި ރަށެއް ތަރައްގީކޮށް ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. އެ ރަށް ތަރައްގީކުރީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ ގުޅިގެންނެވެ. ކުޑަގިރި އަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވެއެވެ. އެގޮތުން، އެ ރަށަށް ޕިކްނިކަށްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް، ނާސިން ރޫމާއި، މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއްވެސް ގާއިމުކޮށްފައިވެއެވެ. ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެ އިން ޓިކެޓް ދޫކުރުމުގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ