މާލެ: 31°C
ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އެދިއްޖެ

ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އެދިއްޖެ

February 28, 2024
2 ފަހަރު ބަލާފައި
ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އެދިއްޖެ
ފާނަބަސަންދު ފެތުރެމުންދާތީ ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ފާނަބަސްދުގެ ކޭސްތައް އިތުރުވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާންމުންނަށް ހިއްސާކޮށްފައެވެ. ފާނަބަސްދު (ޗިކެންޕޮކްސް) އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިއީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ. އެގޮތުން، މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު، ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ. އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެއެވެ. https://twitter.com/HPA_MV/status/1762364646709919823 ފާނަބަސަންދުގެ އަލާމާތްތައް:
  • ވަރުބަލިކަން އިހްސާސްކުރެވުން
  • ހުންއައުން: 38°C (100.4F) އިން 39.4°C (103F) ގެ މިންވަރަކަށް ހުމުގެ އަސަރު ހުރުން
  • ކާހިތްނުވުން
  • ބޮލުގައި ރިއްސުން
  • ކެއްސުން
  • ކަރަށް ތަދުވުން
  • ބަނޑުގައި ރިއްސުން
  • ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން
މި ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިޔުމަށާއި ޗިކެންޕޮކްސް ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ބަލި ޖެހޭ މީހުން ހިފައި ގެންގުޅޭ ތަކެތި ވެސް އެކަހެރިކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ މީހެކެވެ. އެކަމަކު، ކުރިން އެއްފަހަރު ވެސް އެ ބަލި ޖެހިފައިވާ ނަމަ ދެވަނަ ފަރަހަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ