މާލެ: 31°C
އެންޓި ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފި

އެންޓި ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފި

April 16, 2024
3 ފަހަރު ބަލާފައި
އެންޓި ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފި
އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު 3 ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ބަޔާންކޮށްފައިވަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް" މިހެންނެވެ. އެހެންނަމަވެސް ކޮމިޓީން ބިލު އިސްލާހުކުރިއިރު މިހާރު ބަޔާންކޮށްފައިވަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް" ކެވެ. މަޖިލީހުން ފާސްކުރި ބިލުގެ 3 ވަނަ މާއްދާގައި ބުނެފައިވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށެވެ. އަދި އީސީން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެމީހަކު މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. މީގެ އިތުރުން މެންބަރު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނުފެނޭތޯ، ރިކޯލް ވޯޓު ނެގުމުގެ ބާބެއް މި ބިލު ހުށަހެޅިއިރު ހިމަނާފައިވީ ނަމަވެސް ކޮމިޓީ މަރުހަލާގައި އެ ބާބު އެއްކޮށް ވަނީ އުނިކޮށްފައެވެ. އެންޓި-ޑިފެކްޝަން ގާނޫނަކީ، ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ. މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ އިންތިޚާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ. ހަމަ އެއާއެކު، މި ޤާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ޙާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރައްވާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެންބަރުކަމުން އިސްތިޢުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ