މާލެ: 31°C
އަގުހެޔޮ ފެނެއް މާކެޓަށް ނެރުމަށް ސްޓެލްކޯއިން ވިސްނަނީ

އަގުހެޔޮ ފެނެއް މާކެޓަށް ނެރުމަށް ސްޓެލްކޯއިން ވިސްނަނީ

April 26, 2024
3 ފަހަރު ބަލާފައި
އަގުހެޔޮ ފެނެއް މާކެޓަށް ނެރުމަށް ސްޓެލްކޯއިން ވިސްނަނީ
އާންމުނަނަށް އަތްފޯރާ ހެޔޮ އަގެއްގައި ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަގުހެޔޮ ފެނެއް އުފައްދާ މާކެޓަށް ނެރުނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. "މިނިވަން" އަށް ބުދަ ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މާލެއަށް ބޭނުންވާ ވަރަށް ބޯފެން އުފައްދާ މާކެޓް ކުރުމުގެ ގާބިލްކަން މިހާރު ވެސް ސްޓެލްކޯއަށް ފަސޭހަ ކަމާއިއެކު ގާއިމްކުރެވެން އެބަހުރި ކަމަށެވެ. "އަޅުގަނޑުމެންގެ ބޮޑެތި އިންޖީނުތަކުން ބޭނުންކޮށްގެން ދުންހޮޅިއަށް މިއަންނަ ހޫނު ބޭނުންކޮށްގެން އުފައްދާ ފެން އަޅުގަނޑުމެން އަތުގައި ބައިވަރު އެބަހުރި. ފެން އުފެއްދުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ ޕްރިމިއަމް ވޯޓާއެއް އުފައްދާކަށް. އެންމެނަނަށް ގެނެވޭ ކަހަލަ ފެނެއް އުފައްދަން ބޭނުންވަނީ. ޕްރިމިއަމް ލޭބަލެއް ޖަހައިގެން ޕްރިމިއަމް މާކެޓަކަށް ނެރޭކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން،" ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވި ގޮތުގައި މާލެއަށް ދުވާލަކަށް ބޭނުންވަނީ ގާތްގަނޑަކަށް 900 މެޓްރިކް ޓަނުގެ ބޯފެނެވެ. "ހުޅުމާލޭގައި އަޅުގަނޑުމެން އަތުގައި އެބަހުރި ފެން އުފެއްދެން އިންސްޓޯލް ކެޕޭސިޓީ އެބަހުރި 960 މެޓްރިކް ޓަނު، ދުވާލަކު މާލޭގެ ރައްޔިތުން ބޮނީ ގާތްގަނޑަކަށް 900 މެޓްރިކް ޓަނުގެ ބޯފެން. ދެން މިކަން ކުރަންޖެހޭ އަނެއް ސަބަބަކީ މިވަގުތު އަޅުގަނޑުމެންގެ (އެމްޑަބްލިއުއެސްސީ) ފެން އުފައްދާ ކުންފުންޏަކަށް ކަމެއް ވިޔަސް ބެކަޕެއް ނެތް. ގައުމެއް ވިއްޔާ އަޅުގަނޑަށް ހީވަނީ އޮންނަންވާނެ ކަންނޭނގެ ކޮންމެސް ކަލަހަ ސެކިއުރިޓީއެއް އެސްޓަބްލިޝްވެފަ.... އަދިއެއް ނެތް ފެނުގެ ސެކިއުރިޓީއެއް އެސްޓަބްލިޝްވެފަ،" ފަހުމީ ވިދާޅުވިއެވެ. އެންމެ ފަހުން މާލެއިން ފެނުގެ ހިދުމަތް މެދުކެނޑުނު ހާދިސާއަށް އިޝާރާތް ކުރައްވަމުން ފަހުމީ ވިދާޅުވީ އެފަދަ ހާލަތެއް ދެން މެދުވެރިވެއްޖެނަމަ ރާއްޖެއިން ބޭރުން ފެން އެތެރެކޮށްގެން ބޯންޖެހޭ ބަޔަކަށް (ދިވެހިން) ވާކަށް ބޭނުންފުޅެއް ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ފެން އުފައްދާ މާކެޓަށް ނެރެން ފެށުމުން އަސާސީ ބޯފެނުގެ ސެކުއިރިޓީ ކަށަވަރުކުރެވޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ