ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ދެއްވާފައި ވެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ 80 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.
މީގެ އިތުރުން ރައީސް ޑރ މުއިއްޒު ވަނީ އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއަށްވެސް ތަހުނިޔާގެ މެސެޖެއް ފޮނުވައިފައެެވެ.
އެ 2 ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ލީޑަރުންނާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އަދި ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ދިމިޤްރާތީ ބަދަހިކަމާއި އިޖުތިމާޢީ އަދި އިޤްތިޞާދީގޮތުން ހޯދާފައިވާ ކުރިއެރުންތަކަކީ، މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޞުލްޙަޔާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރުވެސް، އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
އަދި އެ 2 ބޭފުޅުންނަށް ފޮނުވި ތަހުނިޔާގެ މެސެޖް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.







