މާލެ: 31°C
އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

1 ނޮވެންބަރު 2026
62 ފަހަރު ބަލާފައި

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލި މައްސަލާގައި އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރަން ކޮމިޝަނެއް އުފައްދައިފި އެވެ.

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކޮމިޝަނެއް އުފައްދަވައިފިއެވެ. މިފަދަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައެވެ.

މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ “Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean (Mauritius/Maldives)” މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ، އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުންނެވެ.

މިކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ޢައްޔަނުކުރައްވާފައިވަނީ
1. އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ)
2. އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
3. ޑރ. އާމިނަތު ޝާފިޔާ އާދަމް
4. ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
5. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް
6. އަލްފާޟިލް އަޙްމަދު ޢަލީމަނިކު
7. އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު އެވެ.

މި ކޮމިޝަނުގެ ރައީސްކަމަށް ކަނޑައަޅުއްވާފައިވަނީ އަލްއުސްތާޛް އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ:
(ހ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން؛ އަދި
(ށ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުން؛ އަދި
(ނ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުން؛ އަދި
(ރ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލައިގައްޔާއި، އެ މައްސަލައިގެ މައުޟޫޢާ ގުޅުންހުރި ވަށައިގެންވި އެންމެހައި ކަންކަމުގައި، ލިޔެކިޔުންތައް ބަލަހައްޓައި، ރައްކައުކުރެވިފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން؛ އަދި
(ބ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުން؛ އަދި
(ޅ) ކޮމިޝަނުގެ ތަޙުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުން.
މިފަދައިންނެވެ.

މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ