ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ހަތަރުމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން، މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން ބެންކު އެކްސެސް ހޯދައި، މީހެއްގެ އެކައުންޓުން 63,000 ރުފިޔާއާއި، 21,000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ) އާއި ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަޙްމަދު (29އ) އާއި ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުޢާޒު (38އ) އަދި ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، ޢަލީ ދާއިން (21އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހު ކަމަށާއި، އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހު ކަމަށާއި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އަޙްމަދު 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.







