ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޮކްޓޫބަރު 31ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެ / މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ) އާއި، ތ. ތިމަރަފުށި / މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ) އަދި ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (41އ) ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.







