މާލެ: 31°C
ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

2 ނޮވެންބަރު 2026
25 ފަހަރު ބަލާފައި

ފުށިދިއްގަރު ފަޅުން ހިއްކާފައިވާ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމުގެ ކުރިން ރައްޔިތުންގެ ހިޔާލުހޯދުމުގެ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގަރާރު ފާސްކޮށްފި އެވެ.

"މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި އީގަލް ހިލްސް އަށް ފުށިދިއްގަރުގައި ހިންގާ މަޝްރޫއުގެ އެއްބަސްވުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވުމަށްވެސް އެ ޕާޓީގެ ގަރާރުގައިވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެމްޑީޕީގެ ލީޑާޝިޕާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ދަނީ އެ މަޝްރޫއުގެ ކަންކަން ހާމަކޮށް ރައްޔިޮތުންގެ ހިޔާލު ހޯދުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ރޭ އެ ޕާތީން ބާއްވަންއުޅުނު ޖަލްސާ ކުރިއަށް ނުގެންދަން ނިންމައި އެ ޕާޓީގެ ޗެއާޕާސަން ޖަލްސާ ކުރާ މާލަން ދޫކުިރައްވައި ވަޑައިގެންނެވުމުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒްގެ އިސްނެންގެވުމަށް ޖަލްސާ ކުރިއަށްގެންދިއުމަށް ކުރި މަސައްކަތުން ފަހުން އެ ޖަލްސާ ވަނީ ކުރިއަށްގެންގޮސްފައެވެ.

ނަމަވެސް އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނުކުފާނު ފުރިހަމައަށް އެ ޕްރޮޖެކްޓަށް ތާއީދުކުރައްވާ ކަމަށެވެ.

އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.

އަދި އެ ޖަލްސާގައި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ދައްކަވަމުންގެންދެވި ބައެއް ވަހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަޖިލީހުގަ ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އައިސް ވަޒަންވެރިވީ މީހުންގެ ދަރިން ކަމަށާއި، މިއަދުގެ ހުރިހާ ދިވެހިންނަކީވެސް އެގޮތުން ރާއްޖޭގައި އާބާދުވި ދަރިފަސްކޮޅެއް ކަމަށެވެ.

މީގެ އިތުރުން އެ ޕްރޮޖެކްޓް އޮތްގޮތުން ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށްވެސް ރައީސް ނަޝީދު ވަނީ ރައްދުދެއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދަޅުވީ މުސްތަގުބަލުގައި ވާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި އެހެންކަމުން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ އަކީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަކާ ގުޅިގެން ބޭއްވި ކުއްލި ޖަލްސާއެކެވެ، އެ ގަރާރުގައި 9 ކަމަކަށް ސަރުކާރަށް ގޮވާލަން ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި ރަސްމާލެ މަޝްރޫއުއާ ގުޅޭ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އެ ގަރާރަށް ބަހުސްކުރުމަށްފަހު ގައުމީ މަޖިލީހުގެ ރޭގެ ކުއްލި ޖަލްސާއިން ވަނީ އެ ގަރާރު ފާސްކޮށްފައެވެ. އެގޮތުން އެކަންކަން މި މަހުގެ 15 އިގެ ކުރިން ނުކޮށްފިނަމަ އެ ޕާޓީން ވަނީ ސީދާ ހަރަކާތަށް ނިންކުތުމަށްވެސް ފާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ