2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މހުގެ 10 ދުވަހުގެ ފަތިހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރިއަށްދާ ގޮތާމެދު އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި 2 މައްސަލަ ވެސް ރިޔާސަތުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޒަކިއްޔާގެ މަރާގުޅޭ ކުއްލި މައްސަލަތައް ހުށަހަޅާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް އާއި އެމްޑީއޭ އަށް ނިސްބަތްބާ ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު އައްބާސް އެވެ. މައްސަލަތަކާ ގުޅޭގޮތުން ރިޔާސަތުން ރިޔާސަތުން ނިންމާފައިވަނީ 2 މައްސަލަ އަކީވެސް ފާއިތުވި 7 ދުވަސްތެރޭގައި ހިނގާފައިވާ ކަމަކަށް ނުވާތީ 2 މައްސަލަވެސް ޝަރުތު ހަމަނުވާ ކަމަށެވެ.
ޒަކިއްޔާގެ މަރާގުޅޭގޮތުން ފުލުހުން ގެ ތަހްގީގު ކުރިއަށްގެންދާ ގޮތާގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އެރަށުގެ ރައްޔިތުން ދަނީ ސިލްސިލާ މުޒާހިރާތަކެއް ބާއްވަމުންނެވެ. އަދި އެ މުޒާހިރާތަކާ ގުޅިގެން ފުލުހުންނާއި ހޯމް މިނިސްޓަރ ރޭ ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހްމާލެއްވާނަމަ އެކަން ބަލައި އިހްމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.
ޒަކިއްޔާގެ މަރާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޑިސެމްބަރު 3، 2024 ގައި ބޭއްވި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށާއި، ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ވަރަށް ގިނައިން ލޭ ހުރިކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.







