މާލެ: 31°C

ޒަކާތް ދެއްކުމަކީ ރާއްޖޭގައި އިހުތިޔާރީ ކަމެއް : އިސްލާމިކް މިނިސްޓަރު

February 13, 2023
2 ފަހަރު ބަލާފައި
ޒަކާތް ދެއްކުމަކީ ރާއްޖޭގައި އިހުތިޔާރީ ކަމެއް : އިސްލާމިކް މިނިސްޓަރު
ޒަކާތް ދެއްކުމަކީ ރާއްޖޭގައި އިހުތިޔާރީ ކަމެއް : އިސްލާމިކް މިނިސްޓަރު
ރާއްޖޭގައި ޒަކާތްދެއްކުން އޮންނަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަަރު ވިދާޅުވީ ގަދަކަމުން މުދަލުގެ ޒަކާތް ނެގޭ އުސޫލެއް ރާއްޖޭގައި ނޯންނަކަމަށެވެ. އެހެން ނަމަވެސް މުދަލު ޒަކާތް ނެގުމުގެ ކަންތައް މިހާރަށް ވުރެ ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޒަކާތް ދެއްކުން މި އޮންނަނީ އިހުތިޔަރީ ކަމެއްގެ ގޮތުގައި. އެއްވެސް ބޭފުޅެއްގެ އަތުން ގަދަކަމުން ނެގޭ އުސޫލެއް ނުއެއްއޮވޭ." މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާ ވަރަށް އަވަހަށް އެބިލު މަޖިލީހަށް ހުށަހަޅާނެ ކަމުގައި ވެސް  އޭނާ ވިދާޅުވި އެވެ.

"މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށްޓަކައި މިހާރު ސަރުކާރުން ބިލެއް ތައްޔާރުކޮށް ވާނީ އޭޖީއަށް ފޮނުވާފަ. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ބިލު ރައްޔިތުންގެ މަޖިލިހާ ހިސާބަށް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޒަކާތް ދައްކަނީ އެ ކަން ކުރަން ބޭނުންވާ މީހުން އަމިއްލަ އަށެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 91.5 މިލިއަން ރުފިޔާ މިނިސްޓްރީ އަށް ލިބިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ވަރުގެ ފުދުންތެރި ކިތައް މީހުން އެބަތިބިތޯ ވެސް މެމްބަރު ޔާސިރު މިނިސްޓަރާ ކުރެއްވި ސުވާލުގައި އެއްސެވި އެވެ. އެ ސުވާލަށް އެހެން ނަމަވެސް މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވީ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދެވެ.  އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ހިސާބު ބުނަގޮތުގަ މުދަލުގެ ޒަކާތް ވާޖިބު ވަނީ 5777 މީހުންނަށެވެ. 

މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތު ފައިސާއިން ދައުލަތަށް އެއްވެސް ވަރެއް ދެވިފައިނުވާނެ ކަމަށާ ނިކަމެތިންނަށް އެހީތެރިވުމަށް އެފައިސާއިން ހަރަދު ކުރާކަމުގައެވެ.

ޒަކާތު ފަންޑުގެ ދަށުން ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޕްރޮގްރާމެއް ވެސް މި ސަރުކާރުން ހިންގަމުންދެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ