ނަމަވެސް އިސްތިއުނާފީ ފޯމު ބަލައިނުގަނެ، އެ ފޯމުގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަަމަށް ބުނެ އިސްލާހުކުރުމަށް ފަހު އަލުން ހުށަހަޅަން ހައި ކޯޓުން މިދިޔަ މާރިޗް މަހުގެ ނުވަ ވަނަ ދުވަހު އެންގުމުން، ފޯމު އިސްލާހުކުރުމަށް ފަހު ރައީސް ޔާމީންގެ ފަރާތްޕުޅުން އަލުން ހައި ކޯޓަށް ހުށަހެޅީ އެ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މައްސަލާއިގެ އިސްތިއުނާފް ފުރަތަމަ އަޑު އެހުން ބާއްވާފައި ވަނީ މިދިޔަ ހަފްތާ ބުދަ ދުވަހު އެވެ. ނަމަވެސް އެދުވަހު ކުރިޔަށް ގެންގޮސްފައިވަނީ، އެ މައްސަލާގައި ހުކުމް ތަންފީޒުކުރަމުންދާ ޔޫސުފް ނައީމުގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާ ޖަވާބު ދިނުމެވެ. އާރަށު މައްސަލައިގައި ޔޫސުފް ނައީމަށް ވަނީ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.އާރަށު މައްސަލައިގައި ރައީސް ޔާމިނުގެ ބައި ކުރިއަށް ގެންދިއުމަށް މި ދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް އަޑުއެހުމެއް ތާވަލު ކުރި އެވެ.
އެހެން ނަމަވެސް، ދަށު ކޯޓުގައި އޮތް ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހައި ކޯޓުން ވަނީ އެ ދެ ދުވަހުވެސް ކޯޓުގައި ތާވަލު ކުރެވުނު އިސްތިއުނާފީ އަޑުއެހުންތައް ކެންސަލް ކޮށްފައެވެ.
އަނެއްކާ ވެސް ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މި ވަނީ މާދަމާ މެންދުރު 2:00 އަށް ތާވަލުކޮށްފައެވެ. މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކަށް ފުރުސަތު ލިބިގެންދާނެ އެވެ.






