މާލެ: 31°C

ޔާމީނަށް ކުރެއްވި ތައުރީފު ދިފާއުކުރައްވަން، ނަޝީދު ވިދާޅުވީ ސަހަލު އެކަކު ވެސް ނެތްކަމަށް!

January 26, 2023
2 ފަހަރު ބަލާފައި
ޔާމީނަށް ކުރެއްވި ތައުރީފު ދިފާއުކުރައްވަން، ނަޝީދު ވިދާޅުވީ ސަހަލު އެކަކު ވެސް ނެތްކަމަށް!
ޔާމީނަށް ކުރެއްވި ތައުރީފު ދިފާއުކުރައްވަން، ނަޝީދު ވިދާޅުވީ ސަހަލު އެކަކު ވެސް ނެތްކަމަށް!
ކުރީގެ ރައީސް ޔާމީނަކީ ވިޝަނެއް ހުރި ބޭފުޅެއްް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރެއްވި ތައުރީފު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އަނެއްކާ ވެސް ދިފާއުކުރައްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްްވާ ކެމްޕޭނުގައި އެމަނިކުފާނު ރޭ މާލޭގައި ބޭއްވެވި ފޯރަމެއްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ "ރައީސް ޔާމީނު އޯކޭތޯ ނުވަތަ ނޫންތޯ" އެއީ އޮތް ސުވާލެއް ނޫން ކަމަށެވެ. އޮތް ސުވާލަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި "ޕޮލިސީއެއްގެ ގޮތުގައި ކަންކަން އޯކޭތޯ ނުވަތަ ނޫންތޯ" އެވެ. އެގޮތަށް ބަލައިފިއްޔާ މިހާރު މިއޮތް އެމްޑީޕީ ބައިވެރިވާ ސަރުކާރުގައި ވެސް އިންތިހާއަށް ކޮރަޕްޝަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަނިޔާވެރިކަމާއި ކޮރަޕްޝަނާ މިބާވަތުގެ ވާހަކަ ދައްކަން ފަށައިފިއްޔާ ސަހަލު އެކަކު ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ސިފަކުރެއްވި ގޮތުގައި އެމްޑީޕީން މިހާރު އިއްތިހާދު ހަދައިގެން ތިބި ޕާޓީތަކުގެ ލީޑަރުންނަކީ ވެސް ކުރީގެ ރައީސް ޔާމީނާ އަޅައި ބަލާއިރު ސަހަލު ބޭފުޅުންނެއް ނޫނެވެ. އޭގެ މިސާލެއްގެ ގޮތުގައި ފުރަތަަމަ ވެސް ނެންގެވީ ކުރީގެ ރައީސް މައުމޫނެވެ. އެމަނިކުފާނު ވިދާޅުވީ "މައުމޫނު އޯކޭ ވެފަ ތިބި އިރު" ދެން އެކަމާ ވިދާޅުވާނީ ކީކޭ ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. "ވިސްނައިލައްވާ އަޅުގަނޑުގެ ލޭޓް ޓްވެންޓީސް ، ތާޓީސް އެކީގައި ދިޔައީ ގޮޅީގައި. އަނދަގޮނޑި ޖަހާފައި، ޗޭނު ޖަހާފައި ބިޑި އަޅުވާފައި ޓިނުގޮޅިއަށް ލާފައި. ދެން އޯކޭ އެކަމަކު. ހަމަ ރައީސް މައުމޫނު އޯކޭ،" ނަޝީދު ވިދާޅުވި އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތުޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރުން ވެސް މިހާރު އޯކޭ ކަމަށާއި އެެހެން ނަމަވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން ދިޔަ ގޮތް އެންމެންގެ ހަނދާނުގައި އެބަހުރި ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ޕޮލިސް މިއުޓިނީއަކަށް ފަހު ނަޝީދު އިސްތިއުފާދެއްވުމުން އެމްޑީޕީގެ ފުރަތަަމަ ވެރިކަން ނިމުމަކަށް އައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އެވެ. އެ ފަހަރު ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތަކުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތުޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސް ދައުރެއް އަދާކުރެއްވި އެވެ. ނަޝީދު ރޭ އެ އިޝާރާތްކުރެއްވީ އެކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި މިހާރު ބަލަން ޖެހެނީ ލީޑަރުންގެ ބަދަލުގައި ޕާޓީތަކުންގެ ގެންގުޅޭ ސިޔާސަތު ތަކަށެވެ. "މިސާލަކަށް ޕީޕީއެމްގައި އެބަ އޮތްތޯ ސްޓޫޑެންޓް ލޯނާ ގުޅޭ ގޮތުން އަޅުގަނޑުމެންނާ އެއް ހިޔާލަކަށް އަންނަ ސިޔާސަތެއް. އަދާލަތު ޕާޓީގައި ސްޓޫޑެންޓް ލޯނުގެ ސިޔާސަތެއް އެބަ އޮތްތޯ އެހީމާ އަޅުގަނޑަށް ޔަގީން އަދި އޭގެ ޖަވާބެއް ނޯންނާނެކަން،" ނަޝީދު ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކަށް އިއްތިހާދު ވެވޭނީ ސިޔާސަތު އެެއްގޮތްވާ ހާލަތުގައި ތޮބީއީ ގޮތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ސިޔާސަތު އެއްގޮތް ނުވަންޏާ އިއްތިހާދުވާން އެއްބަހެއް ނުވެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ