މާލެ: 31°C

ޔާމީނާ އެކު ކޯލިޝަނުގައި ތިބެގެން ލިބުނީ ހިތްދަތިކަން: އެމްޑީއޭ

February 25, 2023
2 ފަހަރު ބަލާފައި
ޔާމީނާ އެކު ކޯލިޝަނުގައި ތިބެގެން ލިބުނީ ހިތްދަތިކަން: އެމްޑީއޭ
ޔާމީނާ އެކު ކޯލިޝަނުގައި ތިބެގެން ލިބުނީ ހިތްދަތިކަން: އެމްޑީއޭ
ކުރީގެ ރައީސް ޔާމީނުގެ ވެރިކަން ނިމެންދެން ކޯލިޝަނުގައި ދެމިތިބީ ގައުމީ މަސްލަހަތަށް ޓަކައި ކަމަށާއި އެ ކޯލިޝަނުގައި ތިބި އިރު ލިބުނީ ހިތްދަތިކަން ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ. ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުަމަދު ސިޔާމް އިސްކޮށް ހުންނަވާ އެމްޑީއޭއިން އިއްޔެ ބުނީ އެޕާޓީން 2013 ވަނަ އަހަރު ޔާމީނާ އެކު ކޯލިޝަން ހެދީ ސަރުކާރުގެ 20 ޕަސެންޓް ދޭން އެއްބަސްވެގެން ކަމަށާއި އެހެން ނަމަވެސް އެޕާޓީއަށް 10 ޕަސެންޓް ވެސް ނުލިބޭ ކަމަށެވެ. އެމްޑީއޭއިން އިއްޔެ ބޭއްވި މީޑިއާ ބްރީފިންއެއްގައި އެޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވީ އޭރު ހެދި ކޯލިޝަނުގައި "ހިތް ނޭދޭ އެތައް ކަންތައްތަކެއް ކުރިމަތި" ކަމަށެވެ. "އަޅުގަނޑުމެން ކޯލިޝަން ސަރުކާރެއްގައި ތަހައްމަލުކުރަމުން ދިޔައީ ވަރަށް [ބޮޑު] ހިތްދަތިކަން އިނގޭތޯ. ގައުމީ މަސްލަހަތަަށް ޓަކައި އަޅުގަނޑުމެން ކޯލިޝަން ސަރުކާރު ދެމެހެއްޓީ ރައީސް ޔާމީނާ އެކީ.އަޅުގަނޑުމެން ހިތް ނޭދޭ އެތައް ކަންތައްތަކެއް ކުރިމަތިވި،" މައުރޫފު ވިދާޅުވި އެވެ. މައުރޫފު ވިދާޅުވި ގޮތުގައި އޭނާއަކީ އެމްޑީއޭއީން ޔާމީނާ އެކު ދެވަނަ ދައުރަކަށް (2018) އިންތިހާބަށް ކޯލިޝަން ނުހެދި އެންމެ ބޮޑު ސަބަބަކީ ޔާމީނުގެ ސަރުކާރުގައި ދައުލަތުގެ އެތައް ބިލިޔަން ރުފިޔާއެއް ގެއްލިފައި ވުމެވެ. އެއީ އެމްޑީއޭއިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލެއް ނުކުރަން ދިވެހިރާއްޖޭގެ ބައިތުލް މާލުން ފައިސާ ގެއްލިގެން ދާން ޖެހޭނެ ކަމަކަށް. ބިލިޔަން ޑޮލަރު ގެއްލިގެން ދާން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެއީ އެންމެ ބޮޑު ސަބަބު އަަޅުގަނޑުމެން ދެވަނަ ދައުރަކަށް ޕީޕީއެމްއާ އެކީ ނުދިޔަ،" މައުރޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް ކޯލިޝަން ނުހެދި ދެވަނަ ސަބަބަކީ އެމްޑީއޭއާ އެކު ޕީޕީއެމުން ހެދި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ޔާމީނު ސަރުކާރުން އަަމަލުނުކުރުމެވެ. އެގޮތުން އެއްބަސްވުމުގައި އޮތް 20 ޕަސެންޓްގެ ތެރެއިން 10 ޕަސެންޓް ވެސް ނުލިބޭ ކަމަށާއި އެހެން ނަމަވެސް އެމްޑީއޭގެ ލީޑަރަކީ ވަރަށް ކެތްތެރި ބޭފުޅަކަށް ވާތީ ކޯލިޝަނުގައި އެޕާޓީ ދެމި އޮތީ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ. އެމްޑީއޭގެ ލީޑަޝިޕުން މިމޭރުމުން ވާހަަކަ ދެއްކި އިރު އެޕާޓީން މިހާރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ