މާލެ: 31°C
"ޝިއަންގް ޔަންގް ހޮންގް 3 " ރާއްޖޭގައި ބަނދަރުކުރި ނަމަވެސް ސާވޭއެއް ނުކުރާނެ: ހާރިޖީ ވުޒާރާ

"ޝިއަންގް ޔަންގް ހޮންގް 3 " ރާއްޖޭގައި ބަނދަރުކުރި ނަމަވެސް ސާވޭއެއް ނުކުރާނެ: ހާރިޖީ ވުޒާރާ

January 23, 2024
3 ފަހަރު ބަލާފައި
"ޝިއަންގް ޔަންގް ހޮންގް 3 " ރާއްޖޭގައި ބަނދަރުކުރި ނަމަވެސް ސާވޭއެއް ނުކުރާނެ: ހާރިޖީ ވުޒާރާ
ރާއްޖޭގައި ބަނދަރުކުރުމަށް ހަމަޖެހިފައިވާ ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި މަޑުކުރިނަމަވެސް އެއްވެސް ކަހަލަ ސާވޭއެއް ކުރުމަށް ހަމަޖެހިފައި ނުވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ. އިންޑިއާގެ ކަންބޮޑުވުމާއި ހެދި ޗައިނާގެ ސާވޭ އުޅަނދު  "ޝިއަންގް ޔަންގް ހޮންގް 3" ވަނީ ސްރީލަންކާއަށް ދިއުުގެ ބަދަލުގައި ރާއްޖޭގައި ބަނދަރުކުރުމަށް ނިންމާފައެވެ. މި އުޅަނދުގެ ރާއްޖެ އައުމަށް ހަމަޖެހުމާއި ގުޅިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމަށް އަންނަނީ އެއްވެސް ކަހަލަ ސާވޭއެއް ކުރުމަށް ނޫންކަމަށެވެ. "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި މަޑުކުރުމަށް ހުއްދަ ދީފައިވަނީ، ޗައިނާ ސަރުކަރުގެ އެދުމުން އެ އޮންނަ އުސޫލުތަކުގެ މަތިންކަމަށެވެ. އެ ބޯޓު ރާއްޖެއަށް ބަނދަރުކުރުމަށް ނިންމާފައިވަނީ އުޅަނދަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތި އެރުވުމަށް ކަމަށެވެ. ރާއްޖެއިން ބޭރުގެ އެހެނިހެން އުޅަނދުތަކަށްވެސް މި ބީދައިން ކްލިއަރަންސް ދޭކަމަށާއި، ރާއްޖެއަކީ ބައިނަލްއަގުވާމީ މެރިޓައިމް ގާނޫނުތަކާއި އެނޫންވެސް މި ބާވަތުގެ ހެދުފައި ހުންނަ ގާނޫނުތަކަށް އަމަލުކުރަމުން އަންނަ ގައުމެއް ކަމަށް ދިވެހި ހާރިޖިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މި ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަންނަ އަސްކަރީ އުޅަނދުތަކާއި، އަމިއްލަ އުޅަނދުތަކަށް އެ އޮންނަ އުސޫލުތަކުގެ މަތިން ހިދުމަތްދިނުމަށް ރާއްޖެއިން އަބަދުވެސް މަރުހަބާ މަރުހަބާ ކިޔަމުން އަންނަ ކަމަށެވެ. ޗައިނާގެ  "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާފައިވާކަން އިންޑިއާގެ މީޑިއާތަކުންވެސް ވަނީ ވަރަށްބޮޑަށް ފާހަގަކޮށްފައެވެ. މިގޮތުން މި އުޅަނދުގެ ހަރަކާތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ފާރަވެރި ވާނޭކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި ބަނދަރުކުރާނޭކަމަށް ލަފާކުރެވެނީ އަންނަ މަހުގެ 8 ވަނަ ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ