މާލެ: 31°C

ވައިޑް ބޮޑީ އެއާ ކްރާފްޓް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

March 7, 2025
203 ފަހަރު ބަލާފައި
ވައިޑް ބޮޑީ އެއާ ކްރާފްޓް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އެއާބަސް އޭ330-200 ގެ ދެ ވަނަ ވައިޑް-ބޮޑީ އެއާކްރާފްޓެއް ކުއްޔަށް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އެއާބަސް އޭ330-200 ގެ ދެ ވަނަ ވައިޑް-ބޮޑީ އެއާކްރާފްޓެއް ކުއްޔަށް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ރާއްޖެއަށް ގެނެސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އެ ބޯޓާ އެކު އެއާލައިނުން ވަނީ ޗައިނާގެ ޗެންޑޫއަށާއި ބެއިޖިން އަދި ޝަންހާއީއަށް ދަތުރުތައް ފަށާފަ އެވެ.

އެ ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓުގެ އިތުރުން 210 އިކޮނޮމީ ސީޓު ހިމެނެ އެވެ. ބޯޓުގައި ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

މޯލްޑިވިއަނުން ގެނައި ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އިފުތިތާހު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެ އެއާލައިނުގެ އޮޕަރޭޝަންތައް ފުޅާކުރަން ދެ ވަނަ އެއާކްރާފްޓެއް ގެންނާނެކަން ފާހަގަކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތައް ނިމި، އޮކްޓޯބަރު މަހާ ހަމައަށްދާއިރު، ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިތުރު ބޯޓެއް ހޯދަން ނިންމައި، އައިއޭއެސްއިން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ އެއާލައިނުގެ ފްލީޓަށް އެއާބަސް އޭ330-200 ގެ ބޯޓެއް ކުއްޔަށް ހިފަން ބޭނުން ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

ބޯޓުގައި ބިޒްނަސް އަދި އިކޮނޮމީ ކްލާސް ކެބިން ހުންނަން ޖެހޭއިރު، ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަން ވާނެ ކަމަށް އިއުލާނުގައިވެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 7 ވަަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ