މާލެ: 31°C
ވެމްކޯގެ އެކްސްކަވޭޓަރުތަކަށް އަޅާނެ ތެއޮ ނެތިގެން ދޯނިތަކުން ކުނި ހުސްކުރުމުގައި މައްސަލަތަކެއް

ވެމްކޯގެ އެކްސްކަވޭޓަރުތަކަށް އަޅާނެ ތެއޮ ނެތިގެން ދޯނިތަކުން ކުނި ހުސްކުރުމުގައި މައްސަލަތަކެއް

January 11, 2024
4 ފަހަރު ބަލާފައި
ވެމްކޯގެ އެކްސްކަވޭޓަރުތަކަށް އަޅާނެ ތެއޮ ނެތިގެން ދޯނިތަކުން ކުނި ހުސްކުރުމުގައި މައްސަލަތަކެއް
ވެމްކޯގެ އެކްސްކަވޭޓަރުތަކަށް އަޅާނެ ޑީސަލް ނެތިގެން ތިލަފުއްޓަށް ކުނި ގެންދާ ދޯނިތަކުން، ކުނި ހުސްކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިނިވަންއަށް މައުލޫމާތުދެމުން ތިލަފުއްޓަށް ކުނިގެންދާ ދޯންޏެއްގެ ކެޕްޓަނަކު ނަން ހާމަކުރަން ނޭދެމުން ބުނީ، ވެމްކޯގެ އެކްސްކަވޭޓަރަށް އަޅާނެ ޑީސަލް ނެތިގެން ދޯނިތަކުން ކުނިހުސްކުރުމުގެ ކަންތައް މިއަދު ހެނދުނު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އެގޮތުން މިއަދު ދޯނިތަކުން ކުނި ނެގުމުގެ މަސައްކަތް ފެށުނީ މެންދުރުވި ފަހުންކަން އޭނާ ބުންޏެވެ. އާއްމު ގޮތެއްގައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 ކުން ފެށިގެން ތިލަފުއްޓަށް ކުނި ގެންދާ ދޯނިތަކުން ކުނިތައް ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން ފަށައެވެ. " އަދިވެސް ކުނި ބާޖުތައް އެބަހުރި ކުނިތައް ހުސް ނުކުރެވި. އެހެންޏާއި ވަރަށް ކުރިން ބިލް ހެދުމުގެ ކަންކަންވެސް ފެށޭނެ. މިއަދު ބިލް ހަދަންވެސް ފެށުނީ 10 ޖެހިފަހުން" އޭނާ ބުންޏެވެ. މިނިވަންއަށް މައުލޫމާތުދިން ފަރާތުން ބުނީ އެކި ތަންތަނުން ތިލަފުއްޓަށް ކުނި ގެންދާ ބާޖުތަކުންނާއި ދޯނިތަކުން ކުނި ނެގުން ލަސްވެ، މަޑުކުރަން ޖެހުމުން ބައެއް އުޅަނދުތަކުން އެހިސާބު މޫދަށް ކުނި އެޅެމުންދާކަމަށެވެ. "ތިލަފުއްޓަށް ކުނި އުކާލުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅު އުސޫލަކުން ހަމަޖެހެން ޖެހޭ. މިހާރު މިކަން ވަރަށްބޮޑަށް ރަނގަޅުކުރަން ޖެހިފައި މިއޮތީ. އަނެއްކޮޅުން ބިލް ހަދަން ދާންވެސް މިޖެހެނީ ކުނިތަކުގެ ތެރެއިން ހިނގާފައިގޮސް" މިނިވަންއާ މައުލޫމާތު ހިއްސާކުރި ދޯނީގެ ކެޕްޓަން ބުންޏެވެ. މިކަމާއި ގުޅޭގޮތުން ވެމްކޯގެ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ، އެފަދަ ކަމެއް ދިމާވިތޯ ބަލަމުންދާ ކަމަށާއި، މިހާތަނަށް އެފަދަ މައްސަލައެއް އުޅޭކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި ތިލަފުއްޓަށް އުކާލާ ދޯނިތަކުން ކުނި ހުސްކޮށްދެނީ ޖީއެސްޓީ ނުލައި ޓަނަކަށް 400 ރުފިޔާގެ މަގުންނެވެ. ތިލަފުއްޓަށް ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އުފެދޭ ކުނި ގެންދެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުންނާއި ރިސޯޓްތައް ހިމެނެއެވެ. މާލެއާ ގާތްގަނޑަކަށް 6.85 ކިލޯ މީޓަރު ދުރުގައި އޮންނަ ތިލަފުއްޓަކީ މީގެ 30 ހަކަށް އަހަރުކުރިން ފުން ވިލެއް ގޮތަށް އޮތް ތިލަ ފަޅެކެވެ. އެތަނަށް އެންމެ ފުރަތަމަ ކުނި އުކާލުމަށް ގެންދަންފެށީ 1992 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ތިލަފުއްޓަކީ މިހާރު ކުނިއުކުމުގެ އިތުރުން ސިނާއީ މަސައްކަތަށް ހާއްސަ މަސްނޫއީ ރަށެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ