މާލެ: 31°C
ވޯޓާސް ލިސްޓް މާދަމާ އާންމުކޮށް، ރީރަޖިސްޓްރޭޝަނަށް މިމަހު ހުޅުވާލަނީ

ވޯޓާސް ލިސްޓް މާދަމާ އާންމުކޮށް، ރީރަޖިސްޓްރޭޝަނަށް މިމަހު ހުޅުވާލަނީ

March 4, 2024
3 ފަހަރު ބަލާފައި
ވޯޓާސް ލިސްޓް މާދަމާ އާންމުކޮށް، ރީރަޖިސްޓްރޭޝަނަށް މިމަހު ހުޅުވާލަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އަމާދަމާ އިއުލާންކޮށް، އިތުރަށް ރީރަޖިސްޓްރީވުމަށް މިމަހު 14 ވަނަ ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އަންނަ މަހުގެ 21 އަށް، އިންތިހާބު ފަސްކުރުމާއި ގުޅިގެން އެ ތާރީހަށް 18 އަހަރު ފުރޭ މީހުން ހިމެނުމުން ކުރިން ލިސްޓުގައި ނެތް 560 މީހަކަށް ވޯޓުގެ ހައްގު ލިބިގެންދާ ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް މާދަމާ އާންމުކުރަން ނިންމާފައިވާއިރު، ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އިންތިހާބު ފަސްކުރުމަށް ވޯޓުލުމުގެ ހައްގު ލިބުނު 560 މީހުންގެ ލިސްޓަށް އެކަންޏެވެ. ޝަކުވާ ހުށަހެޅުމަށް ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އީސީން ވަނީ މީގެކުރިން ވެސް ރީރަޖިސްޓްރޭޝަނަށް ވެސް އިތުރު ތިން ދުވަހުގެ ފުރުސަތެއް ހުޅުވާލެ ކަމަސް ބުނެފައެވެ. އެގޮތުން، ޒަކަރިއްޔާ މިއަދު ވިދާޅުވީ އެ ފުރުސަތު ހުޅުވާލާނީ މި މަހު 14 އިން ފެށިގެން 17 އަށް ކަމަށެވެ. އޭގެ އިތުރުން، ބޭރު ގައުމުތަކުގައި ރަޖިސްޓްރީކުރަން ވެސް އަލުން ހުޅުވާލާނެ ކަމަށާއި ކުރިން ނިންމާފައިވާ ގޮތަށް 150 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީވެއްޖެނަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުންޏެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް އަދި މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާގައެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އިތުރުވި 560 މީހުނާއެކު ވޯޓު ލުމުގެ ހައްގު މިހާރު 284،887 މީހުނަށް ލިބެއެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ