މާލެ: 31°C

ވޯޓު އޮޅުވައިލުމުގެ އެއްވެސް ކަމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރަން: ރައީސް

January 28, 2023
2 ފަހަރު ބަލާފައި
ވޯޓު އޮޅުވައިލުމުގެ އެއްވެސް ކަމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރަން: ރައީސް
ވޯޓު އޮޅުވައިލުމުގެ އެއްވެސް ކަމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރަން: ރައީސް
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވައިލުމުގެ އެއްވެސް ކަމެއް ހިނގައިފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މި އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީގައި އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށް ވޯޓު ލެއްވުމަށް ފަހު ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބު އޮޅުވައިލުމުގެ އެއްވެސް ކަމެއް ހިނގައިފާނެ ކަމަށް ގަބޫލުނުކުރައްވާ ކަަަމަށެވެ. [caption id="attachment_79132" align="aligncenter" width="1280"] އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެއްވުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކަންދަރު ސްކޫލުން ނުކުމެވަޑައިގަންނަވަނީ. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން[/caption] "އިންތިހާބުގެ ކަންތައްތައް ދާގޮތް ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ. މީގެ ކުރިން ވެސް ވެސް އެކަން ކޮށްފައި ތިއްބެވި ބޭފުޅުން އެ ތިއްބެވީ، އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް [އޮޅުވައިލުމުގެ އެއްވެސް ކަމެއް] މި ވޯޓުގެ ތެރޭގައި ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ރައީސް ވިދާޅުވި އެވެ. މި އިންތިހާބު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ، އެއިން ފެންނަނީ އެ މަންޒަރު، [ އިންތިހާބު ކާމިޔާބުކުރެވޭ މަންޒަރު]. މިކުރާ މަސައްކަތަކީ ޑިފަރެންސް ބޮޑުކުރުމަށް ކުރާ މަސައްކަތެއް. އަޅުގަނޑު އުއްމީދުކުރަނީ ހަމަ ޑަބަލް ޑިޖިޓްގެ ތަފާތެއް، މީގައި ނަތީޖާ ނުކުންނަ އިރު ފެންނާނެކަމަށް،" ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ވެސް މިހާރު ވަނީ ވޯޓު ދެއްވައިފަ އެވެ. ނަޝީދު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދާިރާގެ ފޮށްޓަށެވެ.

މިއަދުގެ އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއީ ރާއްޖޭގައި ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގައި ޖުމްލަ 243 ވޯޓު ވަނީ ބަހައްޓައިފަ އެވެ. އެއީ މާލޭގައި ބަހައްޓާ 49 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާ 194 ވޯޓު ފޮއްޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ