މާލެ: 31°C

ވޯޓުފޮށިތައް އުފުލަން އެމްޓީސީސީގެ އުޅަނދު ބޭނުންކުރީ ކުއްޔަށް: އެމްޑީޕީ

January 26, 2023
2 ފަހަރު ބަލާފައި
ވޯޓުފޮށިތައް އުފުލަން އެމްޓީސީސީގެ އުޅަނދު ބޭނުންކުރީ ކުއްޔަށް: އެމްޑީޕީ
ވޯޓުފޮށިތައް އުފުލަން އެމްޓީސީސީގެ އުޅަނދު ބޭނުންކުރީ ކުއްޔަށް: އެމްޑީޕީ
އެމްޑީޕީން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ބޭނުންކުރާ ވޯޓުފޮށިތައް ދައުލަތުގެ ކުންފުންޏެއްކަމަށްވާ އެމްޓީސީސީގެ އުޅަނދުތަކެއްގައި އުފުލީ އެކަމަށް އޮންނަ އުސޫލުން ކުއްޔަށް ހިފައިގެން ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ. އެމްޑީޕީގެ ވޯޓުފޮށިތައް އެޕާޓީގެ އޮފީހުން ނެރެގެން އެއާޕޯޓަށް ގެންދަން އެމްޓީސީސީގެ އުޅަނދުތަކަށް އަރުވާ މަންޒަރު ވީޑިއޯކޮށް، އެއީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު މިއަދު ވިދާޅުވީ ވޯޓުފޮށިތައް އުފުލަން ބޭނުންކުރީ އެމްޓީސީސީގެ "ޕްރައިވެޓް ހަޔާ"ގެ ހިދުމަތް ކަމަށެވެ. "އެއީ އެބޭފުޅުން [އެމްޓީސީސީން] އަގު ނަންގަވައިގެން ފޯރުކޮށްދިން ހިދުމަތްތަކެއް އަޅުގަނޑުމެންނަށް،" އެމްޑީޕީގެ ޕްރައިމަރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދޭން އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިން އެއްގައި އަނަސް ވިދާޅުވި އެވެ. އެ ބްރީފިންގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބުރާހިމް ވަހީދު ވިދާޅުވީ އެމްޓީސީސީގެ ޕްރައިވެޓް ހަޔާ ހިދުމަތަކީ ވަރަށް ކުރިން ސުރެ އެކުންފުނިން ދެމުންއަންނަ ހިދުމަތެކަމަށާއި އެއީ އަލަށް ތައާރަފްކުރި ހިދުމަތެއް ނޫން ކަމަށެވެ. ..."އަޅުގަނޑު ފޭސްބުކް ބަލާލިއިރު 2017 ގަވެސް އިސްތިހާރުތަކުގައި ވެސް އެއެއްޗިހި [އެމްޓީސީސީ ޕްރައިވެޓް ހަޔާ އިސްތިހާރު] އެބަހުރި އިންގޭތޯ." ވަހީދު ވިދާޅުވިއެވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފައި ވާއިރު އެޕާޓީން މިއަދު ބުނި ގޮތުގައި އެ އިންތިހާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފަ އެވެ. އެ އިންތިހާބުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 243 ވޯޓުފޮށި ބަހައްޓާނެ އެވެ. އެއީ މާލެ ސަރަހައްދުގައި  ބަހައްޓާ 49 ފޮށްޓާއި އެހެން ރަށްތަކުގައި 194 ފޮށްޓެވެ. އެމްޑީޕީން އާއްމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން އެޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބޭ 57،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެޕާޓީން ލަފާކުރާ ގޮތުގައި އޭގެ ތެރެއިން 60 ޕަސެންޓަށް ވުރެ ގިނަ މީހުން ޕްރައިމަރީގައި ވޯޓުލާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ