އިއްޔެ ރެއިން ފެށިގެން މާލެ އަށް ވެހެމުން ދިޔަ ބޯ ވާރެއާ ގުޅިގެން ލިބުނު ގެއްލުންތަކުގައި 11 ގެ އަކުން 54 މީހަކު ވަގުތީ ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށް އެމްއެންޑީއެމްއޭ އިން ރޭ ބުނެފި އެވެ.
ވިއްސާރައިގެ ގެއްލުންތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި މީޑިއާ ބްރީފިންގައި އެ އިދާރާގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ހާލުގައި ޖެހުނު 54 މީހުން ރައްކާތެރި ތަންތަަނަށް ބަދަލުކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ.
އެ މީހުންނަށް އެހީތެރިކަން ދެނީ އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އެ ތިން ދުވަހަށް އެ މީހުންގެ ކެއުންބުއިމުގެ ހުރިހާ ކަމަކާއި ގެސްޓް ހައުސްތަކުގައި ބޭތިއްބުމުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޑީއެމްއޭ އިން ކަމަށް ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ އިތުރުން އެހެން ފަސް ރަށަކުން ރިޕޯޓު ލިބުނު ކަމަށެވެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، އެ ރަށްރަށުގެ ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން ދޭން ޖެހޭ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ހިސާން ދެއްވި އެވެ.






