މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން މުއިއްޒު ވިދާޅުވީ އިއްޔެ އާއި ހަމައަށް ބަގީގެ ހިދުމަތަށްއެދި ގުޅައިގެން 15392 ދަތުރު ވިލިމާލޭ ބަގީއިން ކޮށްދީފައިވާ ކަމަށާއި، އަދި ބަގީއަށް ކަނޑައަޅާފައިވާ ރޫޓުން 8936 ދަތުރު ކޮށްދީފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ ވިލިމާލޭ ބަގީއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެ ހިދުމަތްދޭން ފެށި ފުރަތަމަ ދުވަހުން ފެށިގެން ފިތުރު އީދާ ހަމައަށް ހުރިހާ ރައްޔިތުންނަށް އެ ހިދުމަތް ހިލޭ ފޯރުކޮށްދޭން ނިންމައި އީދުގެ ފަހުން އަގު ނެގުމަށް ނިންމާފައިވާއިރު، އަދިވެސް ސިޓީ ކައުންސިލުން އެހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެއްވެސް އަގެއް ނެގުމަކާ ނުލާ ހިލޭއެވެ.
ވިލިމާލޭގައި ދެމުން ގެނަދާ ބަގީގެ ހިދްމަތުގެ އަގުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބަގީ ދުއްވާ ރޫޓުން ބަގީއަށް އަރާ ނަމަ ބަގީއަށް ދޭން ޖެހެނީ 2 ރުފިޔާއެވެ. ނަމަވެސް "ޕްރައިވެޓް ހަޔަރ" ކުރާނަމަ ބަގީގެ އަގަށް ބަދަލު އަންނާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ 4 ސީޓުގެ ބަގީ އަކަށް ދައްކަން ޖެހެނީ 4 ރުފިޔާއެވެ. 6 ސީޓޫގެ ބަގީއަކަށް ދައްކަން ޖެހެނީ 10 ރުފިޔާއެވެ. 12 ސީޓުގެ ބަގީއެއް ހަޔަރ ކުރާނަމަ 15 ރުފިޔާ ދައްކަން ޖެހެއެވެ.މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ. އޭގެތެރޭގައި، މުދާ އުފުލާ ބަގީ އާއި، ކުއްލި ހާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީތަށް ވެސް ހިމެނެއެވެ.
މި ބަގީ ތަކަކީ ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކެވެ.







