މާލެ: 31°C
ވިލިނގިލީގައި 750 މިލިއަން ޑޮލަރުގެ އެއާޕޯޓެއް އަޅަން ބުރިޖު ހަލީފާ ހެދި ކުންފުންޏަށް

ވިލިނގިލީގައި 750 މިލިއަން ޑޮލަރުގެ އެއާޕޯޓެއް އަޅަން ބުރިޖު ހަލީފާ ހެދި ކުންފުންޏަށް

February 22, 2024
4 ފަހަރު ބަލާފައި
ވިލިނގިލީގައި 750 މިލިއަން ޑޮލަރުގެ އެއާޕޯޓެއް އަޅަން ބުރިޖު ހަލީފާ ހެދި ކުންފުންޏަށް
ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ބެލްޖިއަމްގެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކޮށްފިއެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރައްސްމިއްޔާތުގެ ތެރެއިންނެވެ. ވިލިނގިލީ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ މަޝްހޫރު ބްރިޖް ހަލީފާ އެޅުމުގައި ހަރަކާތްތެރިވި ކުންފުންޏެއް ކަމަށްވާ، އެންވީބީސިކްސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބުއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ އެންބީސިކްސް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މރ. ސަރވް ޑޮލްމަންސްއެވެ. މިމަޝްރޫޢުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތަކީ ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމާއި ގއ.އަތޮޅުގައި ޓޫރިޒަމް ސިނާއަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުމެވެ. މިމަޝްރޫޢުގެ ދަށުން 2.2 ކިލޯ މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްގީ ކުރާނެއެވެ. މީގެ އިތުރުން މަތީ ފަންތީގެ ރިޒޯޓުތަކާއި، ހޮޓާތަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ 500މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިޕްރޮޖެކްޓްގައި އެއަރޕޯޓް ތަރައްގީކުރަނީ ރަށުގެ ފަޅުން ބިން ހިއްކައިގެންނެވެ. މި މަޝްރޫއު ވެގެންދާނީ ރަށުގައި ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މުޅި ހުވަދުއަތޮޅުގައި ޑޮމެސްޓިކް 4 އެއަރޕޯޓް އަންނަނީ ހިންގަމުންނެވެ. އޭގެތެރެއިން ގއ.އަތޮޅުގައި ހިންގާ ހަމައެކަނި އެއަރޕޯޓް ކޫއްޑޫ އެއާޕޯޓް ހިންގަމުންދަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ