މާލެ: 31°C
ވީއައިއޭ އަށް "ސްމާޓް ގޭޓް" ތައާރަފްކޮށްފި

ވީއައިއޭ އަށް "ސްމާޓް ގޭޓް" ތައާރަފްކޮށްފި

February 28, 2024
3 ފަހަރު ބަލާފައި
ވީއައިއޭ އަށް "ސްމާޓް ގޭޓް" ތައާރަފްކޮށްފި
ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ސްމާޓް ގޭޓް ތައާރަފުކޮށްފިއެވެ. "ސްމާޓް ގޭޓް" އާބެހޭ ގޮތުން ކަސްޓަމްސް އިން ބުނެފައިވަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" ގައި ހިމެނޭ ކަމެއް ކަމަށާއި މީގެ ސަބަބުން އެއާޕޯޓްގެ ސެކިއުރިޓީ އާއި އެތަނުގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށެވެ. https://twitter.com/CustomsMv/status/1762703781337383089

މި ޚިދުމަތް އިފްތިތާޙްކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޕެސެންޖަރ ޓާމިނަލްގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މި ހަފްލާގައި ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު، ކަސްޓަމްސްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން، އަދި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

    މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރެވި އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެއަރޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާއި ގުޅިގެން، މިއެއަރޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްދިނުމަށް ތައްޔާރަށް. މިއަދު މިފެށުނީ އޭގެތެރެއިން މުހިއްމު ކަމެއް. މީގެ ސަބަބުން ފަސިންޖަރުންނަށް ދެވޭ ޚިދުމަތް އަވަސްވެ، ދިމާވާ އިންކޮންވީނިއަންސް ހައްލުކުރެވޭނެ" މީގެ އިތުރުން އާޓަރމިނަލްއާއި ގުޅިގެން ތަރައްޤީކުރަންޖެހޭ ކަންކަން ހަލުވި ސްޕީޑްގައި ކުރަމުންދާކަމުގައިވެސް އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

    ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް އެއް މަންޒިލުކަމަށްވާއިރު، އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދްމަތް ހޯދާ ދަތުރުވެރިންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންކަމަށްވެފައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދެވޭ ޚިދުމަތަކީ ޤާނޫނާ ޤަވާއިދުތަކުގެ އިމުގެ ތެރެއިން އަވަސް އަދި ލުއިފަސޭހަ ޚިދުމަތަކަށް ވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން މިއަދު މި އިފްތިތާޙް ކުރެވުނު "ސްމާޓް ގޭޓް" ވެގެންދާނީ ދަތުރުވެރިންނަށް ފަސޭހަކަމާއި އެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިއްމު ވަޞީލަތަކަށެވެ.

    މިވަގުތު ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭންކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކަރ ހަރުކުރެވި، "ރެޑް ޗެނަލް" އިން ލަގޭޖްތައް ހުޅުވައި، އިތުރަށް ބަލާފާސްކުރަމުންގެންދެއެވެ. ސްމާގް ގޭޓް ޚިދުމަތާއިއެކު، ކުރިން ބޭނުންކުރަމުންއައި ރަތް ސްޓިކަރގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރް.އެފް.އައި.ޑީ) ޓެގް" އެވެ. އެހެންކަމުން މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯއްދަވަންވާނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސް ފުރިހަމަނުކޮށް ނިކުންނެވުމަކީ ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ ޚިލާފްކަމެކެވެ. މިގޮތަށް ނިކުންނަވަން މަސައްކަތްކުރައްވާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެއެވެ. މީގެ އިތުރުން، މިޚިދުމަތާއި އެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަކުރެވިގެންދާނެއެވެ.

  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްމާޓް ގޭޓްގެ ޚިދުމަތް ގާއިމު ކުރުމާއެކު، މިއެއަރޕޯޓުން ޚިދުމަތް ހޯއްދަވާ ދަތުރުވެރިންގެ ކްލިއަރަންސްވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ޚިދުމަތް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގްފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތިއެތެރެވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެމަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ