މާލެ: 31°C
ވޭވަށު ބަނދަރުގެ ތިލަ ސަރަަހައްދު ފުން ކޮށްދޭނަން: ރައީސް

ވޭވަށު ބަނދަރުގެ ތިލަ ސަރަަހައްދު ފުން ކޮށްދޭނަން: ރައީސް

July 16, 2023
2 ފަހަރު ބަލާފައި
ވޭވަށު ބަނދަރުގެ ތިލަ ސަރަަހައްދު ފުން ކޮށްދޭނަން: ރައީސް
2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވާ ގޮތަށް ވޭވަށުގެ ބަނދަރު ނިމިފައިވީ ނަމަވެސް ތިލަ ސަރަހައްދު ތަކެއް ހުރުމުން ބަނދަރު ބޭނުންކުރާއިރު ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް، ދެވަނަ ދައުރެއްގައި އެ ސަރަހައްދުތައް ފުން ކުރުމުގެ މަސައްކަތް ކޮށްދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދް ސޯލިހު ވިދާޅުވެއްޖެއެވެ. ކެމްޕޭން ދަތުރުފުޅެއްގައި މިއަދު މ. ވޭވަށަށް ވަޑައިގަންނަވާ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި އެ ރަށުގެ ބަނދަރުގެ ތިލަ ސަރަހައްދުތައް ފުން ކުރުމުގެ މަޝްރޫއެއް ހިމަނާފައިވާ ކަމަށެވެ. ވޭވަށަށް ގެންނަމުން އަންނަ ތަރައްގީއަށް އަލިއަޅުއްވާލައި ރައީސް ވިދާޅުވީ އައުޓްޑޯ ޖިމްގެ މަސައްކަތާއި އާ އިންޖީނުގެ އެޅުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއާއި މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތާއި ރަށު ކައިންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ބަނދަރު ފުން ކުރުމުގެ އިތުރުން ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ވޭވަށުގެ ރަށްގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފައްޓާވާނެ ކަމަށް ވެސް އެމްނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. https://twitter.com/MDPSecretariat/status/1680448687657607168?s=20 އަދި ރައީސް ވިދާޅުވީ ވޭވަށު ޒުވާނުން އެދިލެއްވި ފަދައިން އެންމެ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެރަށުގައި އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. "ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 41 ފުޓްބޯޅަ ދަނޑު ނިމިއްޖެ. އަދިވެސް ހަމަ އެއަދަދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އެޅެމުން އެބަދޭ. 70 ފުޓްސަލް ދަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅައި ނިންމައިފިން މިހާރު. 17 ޒަމާނީ ވޮލީކޯޓް އަޅުގަނޑުމެން ނިންމަ ދީފިން. 54 އައުޓްޑޯ ޖިމް އެކި ރަށްރަށުގައި ގާއިމްކޮށް ދީފިން." ރައީސް ސޯލިހް ވިދާޅުވިއެވެ. ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މ. އަތޮޅަކީ ކުދި އާބާދީތަކެއް ދިރިއުޅެމުންދާ ރަށްތަކެއް ކަމުން ކުރީގެ ސަރުކާރުތަކުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވަރަށް ފަހަތުގައި ލިސްޓު ކުރެވިފައިވާ ރަށްތަކެއް ކަމަށެވެ. ނަމަވެސް ޖަޒީރާ ރާއްޖެ ތަރައްގީ ކުރުމަށް އެކުލަވާލި މެނިފެސްޓޯއާއި އެކުގައި ފެށި މަސައްކަތުގެ ނަތީޖާ ރަށްތަކުން ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. "މ. އަތޮޅުގެ ވިސްނުން އެއިރު އޮތް ގޮތް އަޅުގަނޑުމެންނަށް އެނގޭ، އެހެން ނަމަވެސް މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މ. އަތޮޅަށް މި ކުރަމުންދާ މަސައްކަތުން، އަޅުގަނޑު ގަބޫލު ކުރާގޮތުގައި، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ސެޕްޓެމްބަރު 9 ވަނަ ދުވަހު ލާ ވޯޓުގައި މ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް އަޅުގަނޑުމެންގެ ކޯލިޝަނަށް ލިބިގެންދާނެ ކަަމަށް." ރަައީސް ވިދާޅުވިއެވެ. ރައީސް ނިންމާލަމުން ވިދާޅުވީ ވޭވަށު ކައުންސިލްގެ ހުރިހާ މެންބަރުން އެމްޑީޕީއާ އެކު ތިބުމަކީ އެ ރަށު ރައްޔިތުން ތަރައްގީއާ އެކު ކުރިއަށް ދިއުމަށް ތައްޔާރުވެފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. "އުފާވެރި އަމާން ރާއްޖެއަކަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި ވޭވަށް އަޅުގަނޑަށް ހަމަޔަގީން، ހިމެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ