މާލެ: 31°C

ވޭތުވެދިޔަ އަހަރު ދީނީ ކަންކަމާއި ދިވެހި ގައުމިއްޔަތު ކުރިއެރުވުމަށް އިސްކަންދިނިން: ރައީސް

November 11, 2024
2 ފަހަރު ބަލާފައި
ވޭތުވެދިޔަ އަހަރު ދީނީ ކަންކަމާއި ދިވެހި ގައުމިއްޔަތު ކުރިއެރުވުމަށް އިސްކަންދިނިން: ރައީސް
ވޭތުވެދިޔަ އަހަރު ދީނީ ކަންކަމާއި ދިވެހި ގައުމިއްޔަތު ކުރިއެރުވުމަށް އިސްކަންދިނިން: ރައީސް
ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އިސްލާމީ ކަންކަމަށާއި ދިވެހި ގައުމިއްޔަތު ތަރައްގީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަަކަފުޅުގައި ނިމިގެންދިޔަ 51 ހަފުތާގެ ތެރޭގައި މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމަށް އޮތް ބަޖެޓު އިތުރުކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި، ގައުމީ ފެންވަރެއްގައި ޒުވާން އިމާމުންނާއި ޚަޠީބުން ތަމްރީންކޮށް، ގައުމީ ހިދުމަތަށް ނެރެމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދީނުގެ ރުކުންތައްކަމަށްވާ، ޒަކާތާއި ހައްޖާއި ރޯދައިގެ އަޅުކަންތައް ފުރިހަމަކުރުމަށް ރައްޔިތުންނަށް ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޢީދު ފާހަގަ ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ދިވެހި ގައުމިއްޔަތާއި ދިވެހި ބަހުގެ ހިދުމަތުގައި ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދިވެހި ބަހަށް، ދިވެހިންނާއި ދިވެހި ޒުވާނުން އަހުލުވެރިކުރުމަށް ދިވެހި ބަހާއި ގައުމިއްޔަތަށް ހާއްސަ ވުޒާރާއެއް އުފައްދަވައި، ގައުމިއްޔަތުގެ އިސްވާރުން ކަނޑައެޅިފައިވާ ކަމަށެވެ. އަދި، ތަޢުލީމީ މަންހަޖުގައި ހިމަނައިގެން، ދަރިވަރުންނަށް ވަކި މާއްދާއެއްގެ ގޮތުގައި އެކަށައެޅި، އައު ޖީލަކަށް ދިވެހި ބަހުގެ ރިވެތިކަން ގެނެސްދިނުމުގެ ބުރަ މަސައްކަތް ފެށިފައިވާކަަމަށް ވެސް، އެ މަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ