މާލެ: 31°C

ވެންޓިލޭޓަރު މައްސަލަ، އާބިޓްރޭޝަނުން ކާމިޔާބުވުމުގެ އުއްމީދު އެބަ އޮތް: އަމީރު

March 6, 2023
2 ފަހަރު ބަލާފައި
ވެންޓިލޭޓަރު މައްސަލަ، އާބިޓްރޭޝަނުން ކާމިޔާބުވުމުގެ އުއްމީދު އެބަ އޮތް: އަމީރު
ވެންޓިލޭޓަރު މައްސަލަ، އާބިޓްރޭޝަނުން ކާމިޔާބުވުމުގެ އުއްމީދު އެބަ އޮތް: އަމީރު
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން، ގެންނަން އުޅުުނު ވެންޓިލޭޓަރުތައް ނުލިބި އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ ހޯދަން ސަރުކާރުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ، ސަރުކާރާ އެއްކޮޅަށް ނިމޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަންގައި ސަރުކާރާ އެއްކޮޅަށް ނިމޭނެ ކަމުގެ އުއްމީދު ބޮޑުކަމަށެވެ. އަފީފު ސުވާލުކުރެއްވީ އެ މައްސަލަ ކާމިޔާބުކުރެވޭނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އެބަ އޮތްތޯ އެވެ. "އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް އުއްމީދު އެބަ އޮތް އާބިޓްރޭޝަންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ނިމިގެންދާނެކަމަށް،" އަމީރު ވިދާޅުވި އެވެ. ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏަށް 31 މިލިޔަން ރުފިޔާ ދޫކޮށްފައި ވަނިކޮށް ވެންޓިލޭޓަރުތައް ނުލިބި، އެ ފައިސާ ވެސް ނުލިބުނު މައްސަލާގައި މެމްބަރުން މިއަދު ކުރެއްވި ގިނަ ސުވާލުތަކަށް އަމީރު ޖަވާބެއް ނުދެއްވަ އެވެ. އުޒުރެއްގެ ގޮތުގައި އޭނާ ދެއްކެވީ އެ މައްސަލަ މިހާރު އޮތީ އާބިޓްރޭޝަންގައި ކަމަށް ވުމެވެ. އެހެންވެ، އެ މައްސަލައާ ގުޅޭ ގޮތުން ޖަވާބު ދެއްވޭނީ އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވައިގެން ކަމަށް ވެސް އަމީރު އެތައް ފަހަރަކު ވިދާޅުވި އެވެ. [embed]https://minivan.mv/82402/[/embed] އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މައްސަލަ މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ މިމަހުގެ 16 ވަަނަ ދުވަހު އެވެ. އެ ބަޔާނުގައިވާ ގޮތުން ސަރުކާރުން ހުށަހެޅީ ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ 32. މިލިޔަން ރުފިޔާއަށް ވާ، 2.1 މިލިޔަން ޑޮލަރުގެ އިތުރުން އާބިޓްރޭޝަނަށް ދާ ހަރަދު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ހޯދުމަށެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް މީގެ ކުރިން އެތައް ފަހަރަކު ޖަވާބު ދެއްވާފައި ވާނެ ކަމަށާއި އެކަމަށް  ވިދާޅުވެ، އެ މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު  މެމްބަރުން ކުރެއްވި ގިނަ ސުވާލުތައް އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ވެސް އަމީރު ސިފަކުރެއްވި އެވެ. "މާލިއްޔަތު ކޮމިޓީން ގެންދިޔަ، އަޅުގަނޑު ކުރިން ފާހަގަ ކުރިހެން މި ޑިސްކަޝަން ވަރަށް އެކްސްޓެންސިވްކޮށް ގެންދެވުނު. ދެން މިއަދު އަަޅުގަނޑު ދެކޭ ގޮތުގައި މިދަނީ ހަމަ ސިޔާސީ ގޮތުން ގެންދެވޭ ބޮޑު ހަރަކާތެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވި އެވެ. މިނިސްޓަރު އެހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރެއްވި އެވެ. ކޯފާގެ ރާގެއްގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހިންގާނީ މަޖިލީހުގެ ގަވައިދާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި އާއްމު އުސޫލުތަކާ އެއްގޮތަށް ހިންގާ ކަންކަން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ