މާލެ: 31°C
ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ކުރަމުންގެންދާ މަސައްކަތަށް ހުރަސް އެޅުން: ޕީއެންސީ

ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ކުރަމުންގެންދާ މަސައްކަތަށް ހުރަސް އެޅުން: ޕީއެންސީ

January 28, 2024
3 ފަހަރު ބަލާފައި
ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ކުރަމުންގެންދާ މަސައްކަތަށް ހުރަސް އެޅުން: ޕީއެންސީ
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ. އެގޮތުން، މިއަދުގެ ޖަލްސާ މިހާރު ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު މިއަދު މެންދުރު 1:30 އަށް އެޖެންޑާކޮށް މެދުކަނޑާލާފައެވެ. އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާނޫނީ ގޮތުން ރައްޔިތުން އިންތިހާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ގާބިލު ބޭފުޅުން އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ. "އެގޮތުން ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސް ޑރ. މުއިއްޒު އައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ގާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޝައްކެއް ނުކުރަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް ވަޒީރުން ކުރައްވާނެ ކަމާމެދު ވެސް އެއްވެސް ޝައްކެއް ނުކުރާ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ. އެ ޕާޓީން ބުނީ މިނިސްޓަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށެވެ. "އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުން ކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ