މާލެ: 31°C

ވަޒީފާ ނެތް މީހުންގެ އިނާޔަތުގެ ބިލު ލަހެއް ނުވެ މަޖިލީހަށް ފޮނުވޭނެ: ރައީސް

March 4, 2023
2 ފަހަރު ބަލާފައި
ވަޒީފާ ނެތް މީހުންގެ އިނާޔަތުގެ ބިލު ލަހެއް ނުވެ މަޖިލީހަށް ފޮނުވޭނެ: ރައީސް
ވަޒީފާ ނެތް މީހުންގެ އިނާޔަތުގެ ބިލު ލަހެއް ނުވެ މަޖިލީހަށް ފޮނުވޭނެ: ރައީސް
ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ ގޮތުން، އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ތައާރަފްކުރުުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި އެކަމަށް ހަދަން ޖެހޭ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ލަސްތަކެއް ނުވެ ފޮނުވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ މަސައްކަތް ތެެރިންގެ ޔޫނިއަންގެ ކޮންްގެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ރޭ ވިދާޅުވީ ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަަމަށެެވެ. އަންއެމްޕްލޯއިމެންޓް ބެނިފިޓް ތައާރަފްކުރަން އުޅެނީ އެހެންވެ ކަމަށާއި އެކަން ތައާރަފްކުރާނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އެކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން، ބޭރުގެ ފަންނީ އެހީއާއެކު، ކަމާބެހޭ ގާނޫނުގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެ ބިލުވެސް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންނަށް ފޮނުވޭނެ،" ރައީސް ވިދާޅުވި އެވެ. ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނައިރު، ވަޒީފާ ހޯދައިދިނުމަށްވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިދިޔަ އާދީއްތަ ދުވަހު އުފެއްދި ނޭޝަނަލް ޖޮބް ސެންޓަރަކީ، އެގޮތުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެ މަރުކަޒުގެ އެއް ބޭނުމަކީ، ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "އޭގެ އިތުރުން، ހުޅުމާލެއާއި ރ. ދުވާފަރުގައި ހުރި ޖޮބް ސެންޓަރުން މިހާރު އެ ހިދުމަތް ލިބެމުންދާނެ. އަދި 13 ރަށެއްގެ ރަށު ކައުންސިލްތަކުގައި ހުރި ޖޮބް ސެންޓަރު ޑެސްކުތަކުން ވެސް މިހާރު އެ ޚިދުމަތް ލިބޭނެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ޒަމާނީ ޖޮބް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި އަންނަނީ ކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ. މަސައްކަތު މާހައުލާއި ދިރިއުޅޭ މާޙައުލުގައި ގާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މަސައްކަތުގެ މާހައުލުގައިވެސް އަދި މުވައްޒަފުން ދިރިއުޅޭ ތަންތަނުގައިވެސް، މިދިޔަ އަހަރުތަކުގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މުވައްޒަފުން ދިރިއުޅެން ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުގެ ގަވައިދެއް ކަނޑައަޅައި ތަންފީޒުކުރަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ