މާލެ: 31°C
ވަރިކުރަން ޖެހޭނީ އެނޫން އެހެންގޮތެއް ނެތްނަމަ: ހުކުރު ހުތުބާ

ވަރިކުރަން ޖެހޭނީ އެނޫން އެހެންގޮތެއް ނެތްނަމަ: ހުކުރު ހުތުބާ

May 3, 2024
2 ފަހަރު ބަލާފައި
ވަރިކުރަން ޖެހޭނީ އެނޫން އެހެންގޮތެއް ނެތްނަމަ: ހުކުރު ހުތުބާ
އިސްލާމްދީނުގައި "ވަރި" އަކީ އާއިލީ ގޮތުން ދިމާވާ މައްސަލަތަކުގެ އެންމެ ފަހު ހައްލު ކަމަށާއި، ވަރިއަކީ އެންމެފަހުން ނިންމަންޖެހޭ ނިންމުންކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ކުރެވޭ ވަރީގެ ނިސްބަތް ރާއްޖޭގައި ވަރަށްބޮޑަށް އިތުރުވެފައިވާއިރު، މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ވަރި" މި މައުލޫގެ މައްޗަށެވެ. ހުތުބާގައި ބުނީ، ބައެއް ފިރިން އަނބިމީހާގެ މައްޗަށް ދިއްކުރާ ހަތިޔާރަކަށް "ވަރި" ހަދައި ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުންގެންދާ ކަމަށެވެ. މިގޮތުން އިސްލާމްދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުގެ އިންޒާރު ދިނުމަށް ނޫންކަމަށްވެސް ހުތުބާގައި ބުންޏެވެ. ރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް އިތުރުކަން ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި އާއިލާއާ ބެހޭ ކޯޓަށް ވަރިވުމަށް އެތި 3،820 ވަރި ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން 2021 ވަނަ އަހަރު 1193 ވަރި، އަދި 2022 ވަނަ އަހަރު 1346 ވަރި އަދި 2023 ވަނަ އަހަރު 1281 ވަރި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. މި މައުލޫމާތުތަކުން އެނގޭގޮތުގައި އާންމުކޮށް ވަރި ކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރުބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާއި، ތަޅައި އަނިޔާކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޝައްކުކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމުކުރުމާއި، އާއިލީގުޅުންތައް ނުބޭއްވުމާއި، ދީނީކަންކަމަށް ފަރުވާ ކުޑަކުރުމާއި، ހައްގުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާއިދުން ހަރަދު ނުކުރުމާއި ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނެއެވެ. ހުތުބާގައި ބުނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގެ ތެރޭގައި ބައެއް ފަހަރަށް އާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާކަމަށެވެ. ދެމަފިރިންގެ މެދުގައި މައްސަލަޖެހި، ހިޔާލުތަފާތުވުން އުފެދޭ ހާލަތްތަކުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ވަރުގަދަ މީހާއަކީ އޮޅުވާލައި ގަދަވާ މީހާއެއް ނޫނެވެ. ނަމަވެސް ވަރުގަދަ މީހާއަކީ ރުޅި އަންނަ ހިނދު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާ މީހާކަން ކަށަވަރެވެ" އަދި އެހެން ހަދީޝެއްގެ މާނައިގައި ވެއެވެ. އަންހެނަކު އޭނާގެ ފިރިމީހާއާ ދެކޮޅަށް އަނބުރާލާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ހުތުބާގައި ބުނީ ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކޮށް މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް ދެމަފިރިން ދެމެދު ފަސާދަ ކުރާ ކަމަށެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އެ ދެމަފިރިން ކަމަށާއި، އެހެން ނޫންނަމަ، ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާކޮށްގެން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ