މާލެ: 31°C
ވަރިގިނަވާ ސަބަބާ ބެހޭ ގޮތުން އިސްގާޒީ ވާހަކަ ދައްކަވައިފި

ވަރިގިނަވާ ސަބަބާ ބެހޭ ގޮތުން އިސްގާޒީ ވާހަކަ ދައްކަވައިފި

May 15, 2024
2 ފަހަރު ބަލާފައި
ވަރިގިނަވާ ސަބަބާ ބެހޭ ގޮތުން އިސްގާޒީ ވާހަކަ ދައްކަވައިފި
ރާއްޖޭގައި ވަރިން ގިނަވާ ސަބަބުތަކުގެ ތެރޭގައި އަނބިން ކިޔަމަންތެރިނުވުމާއި ފިރިން އަނބިންނަށް ވަގުތު ނުދީ ކޮފީ މޭޒުތަކުގައި ގިނަ ވަގުތު ހޭދަކުރުން ހިމެނޭ ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ. އާއިލާތަކުގެ ދުވަހާ ގުޅިގެން އިސްގާޒީ ދެއްވި މެސެޖެއްގައި ވިދާޅުވީ, ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އަދުގެ ޒުވާންޖީލު ކައިވެންޏާ ގުޅޭ ގޮތުން ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ. އިސްގާޒީ ވިދާޅުވީ މި ހާލަތު ރަނގަޅުކުރުމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހެ ކަމަށް ދެކޭ ކަމަށެވެ. ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ކުދިކުދި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވެގެން ގޮސް, ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށާއި ކަންކަން ހިއްސާކުރަން ޖެހޭ ގާތް މީހުންގެ މަޝްވަރާ ވެސް ހޯދިފައި ނުހުންނަ ކަމަށް ވިދާޅުވެފައިވެ އެވެ. މިގޮތުން އަނބިިން ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކަުގައި ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމާއި ރައްޓެހިންނާއެކު ކޮފީތަކުގައި އެތައް ވަގުތެއް ހޭދަކުރުން ހިމެނޭ ކަމަށް އިސްގާޒީ ފާހަގަކުރައްވާފައިވެ އެވެ. އަދި އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން ގެގައި އަޑު އަހާނެ ކަންފަތެއް ނުލިބޭ ކަން ވެސް ގިނަ އަންހެނުން ފާހަގަކުރާ ކަމަށް އިސްގާޒީ ވިދާޅުވެފައިވެ އެވެ. ފިރިން ވަރިވާން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އޭނާގެ ބަސް އަނބިމީހާގެ ކުރިމަތީގައި ނުވިކި, ފިރިމީހާއަށް އިހުތިރާމް ނުކުރާތީ ކަމަށް ބުނާކަމަށް ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ވެސް ކައިވެނި ރޫޅުމަށް ހިތްވަރުދެވޭ ކަމަށް ގާޒީ ފާހަގަކުރައްވާފައިވެ އެވެ. "މައްސަލަތައް ހައްލުކޮށް ދަރިންނާއެކު އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް ހިތްވަރުދިނުމުގެ ބަދަލުގައެވެ. އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހުރޫމުވުމަށް މަގިފަހިވެއެވެ." އިސްގާޒީ ވިދާޅުވެފައިވެ އެވެ. ގާޒީ ވިދާޅުވީ އާއިލާގެ އުފާވެރިކަމަށްޓަކައި އާއިލާ އެކުގައި ހޭދަކުރާ ވަގުތު ގިނަ ކުރަންޖެހޭ ކަމަށާއި ފަނާކުރުވާ ވިސްނުންތައް ދޫކޮށް، އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި, ފިރިމީހާ، އަނބިމީހާއަށް އެހީތެރިވުމާއި އަނބިމީހާއާ އެކު ވަގުތު ހޭދަކުރުމަކީ އަނބި ދަށުވުން ކަމުގައި ނުބެލުމަށާއި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ހިދުމަތްކޮށް ދިނުމަކީ ފިރިމީހާގެ އަޅުވެތިވުން ކަމަށް ވެސް ނުބެލުމަށް އިލްތިމާސް ކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ