ވޭޕް ބޭނުންކުރި 11 މީހުން ޖެނުއަރީ މަހުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީ 31 ގެ ނިއަލަށް ވޭޕް އާއި ގުޅޭ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި، 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކޮށްފައިވާ އިރު، ޑިސެމްބަރު މަހުގެ ތެރޭގައި ވޭޕް އާއިގުޅޭ 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ހިލޭ ވޭޕެއް ބެހުމުން 10،000 ރުފިޔާއިން، ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން، ވޭޕް ވިއްކާ މީހުން 20،000 ރުފިޔާއިން އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ.
މީގެ އިތިރުން 15 ނޮވެމްބަރު 2024 އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ.
ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ފުލުހުން ފޮނުވަނީ މެސެޖެއގެ ގޮތުގައި އެ މީހެއްގެ ފޯނަށެވެ.







