ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނެފައިވާ 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
2024 ވަނަ އަހަރުގެ އޮކްޓޯވަރ 15 ވަނަ ދުވަހު ރައީސް ޑރ.މުއިއްޒު ވިދާޅުވި ފަދައިން 228 ސިޔާސީ މީހުން ވަޒީފާއިން ވަކިކޮސްފައި ނުވާކަމަށްބުނެ އިދިކޮޅުވފަރާތްތަކުން އެ މުވައްޒަފުން ވަކިކުރި މިނިސްޓްރީ ތަކާއި ވަކި ކުރި މުވައްޒަފުންގެ މމައުލޫމާތު ހާމަކުރުމަށް ވަނީ ގޮވާލާފައެވެ. އަދި އެ މައްސަލާގައި އެކިއެކި މީޑިއާތަކުން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުން އެ ތަފްސީލް ތަކަކީ ޒާތީ މައުލޫމާތުކަމަށްވާތީ އެމައުލޫމާތުތައް ހާމަކުރެވެން ނެތްކަމްށް ރައީސް އޮފީހުން އެންގުމާގުޅިގެން ރައީސް އޮފީހުގެ ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ރިވިއު ކުރުމުން އެ އޮފީހުން މިދިޔަ މަހުގެ 25 ގައި ވަނީ ހޯދަން އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން ދާއިމީ އެޑްރެހަކީ ދޫނުކޮށް ހިފެހެއްޓިދާނެ މައުލޫމާތުތަކެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ނަމަވެސް ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ ފަރާތްތަކުގެ ނަމާއި، މަގާމާއި، މަސައްކަތް ކުރި އިދާރާގެ މައުލޫމާތާއި، އެ ފަރާތްތައް ވަޒީފާ އިން ވަކިކުރި ތާރީހަކީ ގާނޫނުގެ ދަށުން ދޫނުކޮށް ހިފެހެއްޓޭނެ މައުލޫމާތުތަކެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރު ވަނީ ހޯދަން އެދިފައިވާ މައުލޫމާތުތައް ފަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ކަނޑައަޅާފަ އެވެ. އެ އެންގުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކޮށްފައިވާކަން ހައިކޯޓްގެ ރަޖިސްޓަރީން ފެނެއެވެ. އަދި އެމައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ވަކިކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުންގެ ތަފުސީލުތައް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، ވަކިކުރަން ނިންމި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.







