އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތައް އަވަސް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް އަމުރު ކުރައްވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އޭސީސީން ހިނގާ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިކަން ޕީޖީ ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހުތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭގޮތުން، އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވާފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
ތަހުގީގުތައް އަވަސް ކުރުމަށް ނެރުނު އަމުރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދުދީފައިވާ މައްސަލަތައް:
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައާއި،
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ،
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް،
ޕީޖީން އެދިފައިވަނީ މިފަދަ ތަހުގީގު، ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ހިންގުމަށެވެ.
އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާ ކުރުމަށްޓަކައި ޕީޖީ ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ހުރިހާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި، މިއަދުން ފެށިގެން އަމަލުކުރަން ޖެހޭނެ އިރުޝާދު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މި އިރުޝާދުގެ ބޭނުމަކީ، އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރު ކުރުމާއި، ތަހުގީގުގެ ކުރީ މަރުޙަލާއިން ފެށިގެން ޕީޖީ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.







