އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްމަންޓުން އެގައުމުގައި ވަކި ޖިންސަކަށް ނިންބަތްނުވާ ގޮތަށް ނުވަތަ X ޖެންޑަރ ހިމަނައިގެން ޕާސްޕޯޓު ހައްދައިދިނުން މިއަދުން ފެށިގެން ހުއްޓާލައިފިއެވެ.
އެ ގައުމުން ބުނެފައިވަނީ މިއަދުން ފެށިގެން ޕްރޮސެސް ކުރަމުން ދާނީ ހަމައެކަނި އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން އެނގޭގޮތަށް ޕާސްޕޯޓް ހައްދައިދިނުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައްކަމެވެ.
މި ނިންމުމަކީ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ވެރިކަމާ ދެވަނަ ފަހަރަށް ޑޮނަލްޑް ޓްރަމްޕް ހަވާލުވުމަށްފަހު ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ތެރެއިން ނެރެފައިފައިވާ އެކްޒެކިޓިވް އޯޑަރއާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުގައި ޓްރަމްޕް ބުނެފައިވަނީ އެމެރިކާ ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ދެ ޖިންސެއް ބަލައިގަތުންކަމާއި އެއީ އަންހެނުންނާއި ފިރިހެނުންކަމެވެ.
ޓްރަމްޕްގެ މި ސިޔާސަތުގެ ދަށުން އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުގެ ތެރެއިން ޕާސްޕޯޓް، ވީސާ އަދި ގްލޯބަލް އެންޓްރީ ކާޑްތައް ދޫކުރެވޭނީ އެމީހަކީ ކޮން ޖިންސަކަށް ނިސްބަތްވާ މީހެއްކަން ސަރުކާރުގެ އިދާރާތަކުން ޔަޤީންކުރުމަށްފަހުގައެވެ.
X ޖެންޑަރ ނުވަތަ ވަކި ޖިންސަކަށް ނިސްބަތްނުވުމަށް އިޚްތިޔާރުކުރެވޭ ގޮތަށް އެމެރިކާގައި ހުއްދަކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެއީ އެމެރިކާގެ ނިމިދިޔަ ސަރުކާރުގެ ނިންމުމެކެވެ.







