މާލެ: 31°C

ވަކި ހޯސްޕަވަރަކުން މަތީގެ އެއްގަމު އުޅަނދުތައް، އާއްމު މަގުތަކުގައި ދުއްވުން މަނާކުރަނީ

ވަކި ހޯސްޕަވަރަކުން މަތީގެ އެއްގަމު އުޅަނދުތައް، އާއްމު މަގުތަކުގައި ދުއްވުން މަނާކުރަނީ
September 7, 2024
2 ފަހަރު ބަލާފައި
ވަކި ހޯސްޕަވަރަކުން މަތީގެ އެއްގަމު އުޅަނދުތައް، އާއްމު މަގުތަކުގައި ދުއްވުން މަނާކުރަނީ
ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމު އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް ގެންނަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިވިއެވެ. އެކަން ރައީސުލްޖުމްހޫރިއްޔާ ހަމަކޮސްފައިވަނީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި މުހިންމު 8 ކަމެއް ތަންފީޒުކުރަން ފެށުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގުމަށްފަހު އެކަން ހާމަކުރެއްވުމަށްޓަކއި އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ 8 ކަމަކީ؛ 1. މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން. 2. ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކިސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަވަގުތުން ބާތިލުކުރުން. 3. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން. 4. ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން. 5. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން. 6. ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން. 7. ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން. 8. މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން. އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މުއައްސަސާތަކަށް އިއްޔެ އަންގަވާފައިވާނެކަމަށާއި، އެކަންކަން ތަންފީޒުކުރެއްވުމަށް ނިންމެވީ  ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅުއްވާ ފިޔަވަޅުތަކެއްގެ ގޮތުގައި ކަން އެމަނިކުފާނުގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ. އަދި އުޅަނދުތަކަށް ބަދަލުގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު އިވޭ ބާރުއަޑުން އާއްމުންނަށް ވަމުންދާ އުނދަގޫތައް ހުއްޓުވުމާއި، ޢާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަކީވެސް މި އެމަނިކުފާނުގެ އެންގެވުންތައް ތަންފީޒުކުރަން ޖެހޭ ސަބަބެއްކަންވެސް އެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ