މާލެ: 31°C
ވާދޫ ސްކޫލުގެ ދެ ދަރިވަރަކަށް ބުލީ ކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ

ވާދޫ ސްކޫލުގެ ދެ ދަރިވަރަކަށް ބުލީ ކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ

March 15, 2024
2 ފަހަރު ބަލާފައި
ވާދޫ ސްކޫލުގެ ދެ ދަރިވަރަކަށް ބުލީ ކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ
ގދ. ވާދޫ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 4 ގައި ކިޔަވަމުންދާ ދެ ކުއްޖަކަށް ބުލީ ކުރާތީ ތަކުރާރުކޮށް އެމައްސަލަ ސްކޫލުގެ އިދާރާ އަށް ހުށަހެޅުމުން ވެސް އެކަން ހައްލުކޮށް ނުދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ. "މިނިވަން" ނޫހަށް މައުލޫމާތު ދެމުން ބުލީގެ ޝިކާރައަށްވި ކުއްޖާގެ މަންމަ ބުނީ، ބުލީ ކުރާ މައްސަލަ އަކީ އޭނާގެ ދަރިފުޅު ކިޔަވަމުންދާ ކުލާހުގައި އާންމު މައްސަލައެއް ކަމަށެވެ. މީގެ ތެރެއިން އެއް ކުއްޖަކު ފަލަކޮށް ހުންނާތީ އެކަމާ ހެދި ބުލީ ކުރަމުންދާތީ، އެ ކުއްޖާ ގެޔަށް އައިސް ނުކައި ހުރުމުގެ ސަބަބުން އެ ރަށުގެ ސިއްހީ މަރުކަޒުގައި ވެސް އެޑްމިޓުކޮށް ހިތްދަތި ތަޖުރިބާތަކެއް މިހާތަނަށް ކޮށްފައިވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދަރިފުޅަށް ބުލީ ކުރުމުގެސަބަބުން ކުއްޖާ ކެއުމާ ދުރަށްޖެހުނުކަން އެނގުނީ ކުއްޖާ ކިޔައިދިނީ ވަރަށް ފަހުން ކަމަށް ވެސް ބުންޏެވެ. އަދި ސްކޫލަށް ދާންވެސް އެ ކުއްޖާ ދެކޮޅު ހަދަމުން ދާކަމަށް ވެސް އޭނާ ކިޔައިދިނެވެ. މީގެ އިތުރުން އެ ކުލާހުގައި ކިޔަވަމުން ދާ، ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ވެސް ތަކުރާރުކޮށް ބުލީ ކޮށް އެކިފަހަރު މަތިން އެކި ވަރުގެ އަނިޔާތަށް އެކުއްޖާ އަށް ލިބިފައިވާ ކަމަށް ވެސް ކުއްޖާގެ މަންމަ "މިނިވަން" ނޫހަށް މައުލޫމާތުދިނެވެ. މި ދެ ބެލެނިވެރިން ވެސް ބުނީ އެ މައްސަލަ ތަކުރާރުކޮށް  ސްކޫލު އިދާރާ އަށް ހުށަހެޅުނު ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. މިހާރު އެ ދެކުދިންނަކީ ވެސް ސްކޫލަށް ދާން ޖެހިލުން ވާ ދެކުދިން ކަމަށް ވެސް ބެލެނިވެރިން ބުންޏެވެ. އެފަރާތްތަކުން ވަނީ ސްކޫލުގައި ކުއްޖާ އަށް ރައްކާތެރި މާހައުލެއް ކަމަށް ގަބޫލު ނުކުރެވޭކަމަށް ވެސް ބުނެފައެވެ. އަދި ބުލީ ކުރުމުގެ ސަބަބުން ކުއްޖާ އަށް ދިމާވާ ނަފްސާނީ މައްސަލަތަކާ އެހެނިހެން މައްސަލަ ތަކުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯވެސް ވަނީ ސުވާލު އުފައްދާފައެވެ. މިއީ ހިނގިކަމެއްތޯ ބެލުމަށް "މިނިވަން" ނޫހުން ވާދޫ ސްކޫލުގެ ޕްރިންސިޕަލް ނަޒުހާ ސައީދަށް ގުޅާލުމުން އޭނާ ވިދާޅުވީ، އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ. ސްކޫލުތަކުގައި ބުލީ ކުރާ މައްސަލަ އަކީ މިހާރު ވެސް ހިންގަމުންދާ ހިތާމަވެރި މައްސަލައެކެވެ. ބުލީ ކުރުމަކީ އެކަމުގެ ޝިކާރައަކަށްވެސް ވަރަށް ނާދެވޭ އަސަރުކުރާ އަދި ދިރިއުޅުމުގެ އެހެންކަންކަމުން މާޔޫސް ކުރުވާ މުޅި މީހާ ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ