މާލެ: 31°C
އުއްމީދުކުރަނީ ރައީސް ޔާމިނަށް ވަރަށް އަވަހަށް އިންސާފް ލިބިގެންދާނެކަމަށް: ރައީސް

އުއްމީދުކުރަނީ ރައީސް ޔާމިނަށް ވަރަށް އަވަހަށް އިންސާފް ލިބިގެންދާނެކަމަށް: ރައީސް

February 18, 2024
3 ފަހަރު ބަލާފައި
އުއްމީދުކުރަނީ ރައީސް ޔާމިނަށް ވަރަށް އަވަހަށް އިންސާފް ލިބިގެންދާނެކަމަށް: ރައީސް
ރައީސް ޔާމިނުއަށް އިންސާފް ލިބުމަކީ ގައުމަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި، އުއްމީދުކުރަނީ އެމަނިކުފާނަށް ވަރަށް އަވަހަށް އިންސާފް ލިބިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީއަށް މިހާރު ކުރަމުންގެންދާ ދަތުރުފުޅުގައި ފޭދޫ އަދި ހިތަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަދުގެ ސަރުކާރަކުން ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނޭކަމަށާއި، އެގޮތުން ކޯޓުގައި މިހާރު ހިނގަމުންދާ ރައީސް ޔާމީނުގެ މައްސަލައަށް ސަރުކާރުގެ އެއްވެސް މީހަކު ހުރަސްއަޅައި ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާނޭ ކަމަށެވެ. ރައީސް ވިދާޅުވި ދިވެހި ގައުމަށް ހަމަޖެހުން އަންނާނީ ބަދަލު ހިފުމުގެ ރޫހު ގޮސްގެން ކަމަށާއި، ސިޔާސީގޮތުން ސިޔާސީ ވިސްނުމެއްގައި ސިޔާސީ މަގާމެއްގައި ހުރުމަކީ އަސާސެއްކަމަށް ކަނޑައަޅައި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ އެމަނިކުފާނު ނުކުރާނޭ ކަމެއް ކަމަށެވެ. މިކަމް ކެމްޕެއިނުތެރޭގައިވެސް ވިދާޅުވެފައިވާނޭ ކަމަށާއި، މިގައުމުން އަބަދުހެން ފެނިގެންމިދަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ހައްޔަރުކުރާތަން ކަމަށެވެ. "އަޅުގަނޑު މެންނަށް މި ފެންނަނީ ކުރީގައި ވެރިކަންކޮށްފައި ހުރި ފަރާތްތައް ވެރިކަމުން ނިމުނީމައި ގެންގޮސް ހައްޔަރުކުރާތަން. އެކަމެއް އަޅުގަނޑުގެ ކިބަޔަކުން ނުފެންނާނެ. އެހެންވެގެންނޭ ކިޔާފައި ހައްޔަރުކުރާނެ މީހަކު ނުހުންނާނެ. ގައުމަށް ހަމަޖެހުން އަންނާނީ ގައުމުގައި ބަސްކިޔަންތިބި ސިޔާސީ ފަރާތްތައްވެސް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން" ރައީސް ވިދާޅުވިއެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިހާދުވަސްވީއިރު ރައީސް ޔާމިނަށް އިންސާފްލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނޭ ގޮތެއް ނޫންކަމަށާއި، އެމަނިކުފާނަށްވެސް އިންސާފް ލިބެންޖެހޭނެ ކަމަށެވެ. އިންސާފް ލަސްވުމަކީ އިންސާފް ނުލިބުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ ތެރެއިން ދާދި އަވަހަށް އިންސާފް ލިބިގެންދާނޭ ކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން އެދަނީ ފުރިހަމަ މިނިވަންކަން މަތީގައި ކަމަށެވެ. މި ސަރުކާރުގެ އެއްވެސް ވަޒީރަކު، އަދި ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހަކުވެސް ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާނޭ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ރައީސް ޑރ.މުއިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމިނަށް އިންސާފް ލިބުން ލަސްވަމުންދާ މައްސަލާގައި އެމަނިކުފާނަށް ތާއީދުކުރާ މީހުން ގެންދަނީ ރައީސް ޑރ.މުއިއްޒުއަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީނުގެ ފޮޓޯ ދައްކައިގެން ކަމަށާއި، ވެރިކަމުގެ ހުވާ ކުރެއްވުމާއެކު ރައީސް ޔާމިނު މިނިވަންކުރުމާ ގުޅޭގޮތުން ރައީސް އެމަނިކުފާނުު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ރާގު ވަރަށްބޮޑަށް ބަދަލުވެފައިވާކަމަށް ގިނަ ފަރާތްތަކަކުން ފާހަގަކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ