މާލެ: 31°C
އުޅަނދު ރަޖިސްޓްރީކުރާއިރު، ގަރާޖު ހުރިކަން އިތުރަށް ކަށަވަރުކުރަނީ

އުޅަނދު ރަޖިސްޓްރީކުރާއިރު، ގަރާޖު ހުރިކަން އިތުރަށް ކަށަވަރުކުރަނީ

March 5, 2024
3 ފަހަރު ބަލާފައި
އުޅަނދު ރަޖިސްޓްރީކުރާއިރު، ގަރާޖު ހުރިކަން އިތުރަށް ކަށަވަރުކުރަނީ
އެއްގަމު އުޅަނދުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީކުރާއިރު، މީގެފަހުން ގަރާޖުހުރިތޯ އިތުރަށް ޔަގީންކުރާނޭކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ. ޓްރާންސްޕޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި، ގަރާޖުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި އެ ގަރާޖުތަކުގައި އުޅަނދު ރަޖިސްޓްރީ ކުރަމުންގެންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރަމުން ޓްރާންސްޕޯޓުން ބުނީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރާއިރު، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޟު ނުކުރާކަމުގެ ސިޓީގެ ސައްޙަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅައިގެންނެވެ. ގަވާއިދުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް ގަރާޖަކަށް އެތައް ބައިވަރު އުޅަނދުތައް ރަޖިސްޓްރީކޮށްފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. ހަތަރު ފުރޮޅު ލީ އުޅަނދު ފަހަރު ރަޖިސްޓްރީކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލާނޭކަމަށް ޓްރާންސްޕޯޓުން ބުނެފައިވާއިރު، މާލޭގައި އިންޖީނުލީ ދުއްވާ އުޅަނދުތައް ގިނަވުމުގެ މައްސަލައަކީ މިހާރު އެންމެ ބޮޑު މައްސަލައެވެ. އުޅަނދުތައް ގިނަވެ، ޕާކްކުރާނޭ ތަންތަން ނެތުމުން ގިނަ އުޅަނދުތައް މިހާރު ޕާކްކުރަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ