މާލެ: 31°C

އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރުކުރުމަށް ސިޓީކައުންސިލުން ނިންމައިފި

February 8, 2023
2 ފަހަރު ބަލާފައި
އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރުކުރުމަށް ސިޓީކައުންސިލުން ނިންމައިފި
އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރުކުރުމަށް ސިޓީކައުންސިލުން ނިންމައިފި
އުކާލެވޭ ކުނި ބޭނުންކޮށްގެން ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމަށް މާލެ ސިޓީކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލުން ބުނީ އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށާއި، ރައްކާތެރި ލުއި ފަސޭހަ އަދި ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް ސިޓީ ކައުންސިލުން ނިންމާ ފައިވާކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 88 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ. ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހުގައިވާ ހިދުމަތުގެ އަގު ނެގުމުގެ ބަޔަށް ގެނެވޭ އިސްލާހު "ގަސް ކާނާގެ އަގު ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކު މާލޭ ސިޓީ ކައުންސިލުންނެވެ." މިގޮތަށް އިސްލާހުކޮށް ހުށަހެޅިފައިވާ ކަރުދާސް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން އެހުށަހެޅުން ފާސްވެފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެ މަސައްކަތާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މުނިސިޕަލް ކޮމެޓީގެ ފަރާތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ މީގެ މަގްސަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެއްޗާއި، ފަތްޕިލާވެލީގެ އިތުރުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ލުއިފަސޭހަ އަދި ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ އުފެއްދުންކަމަށާއި، އަދި ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީ ހޯދުންކަމަށެވެ. ރައްކާތެރި ގަސްކާނާ އުފެއްދުމާއި ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ އެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކެއް އެބަހުރިކަމަށާއި، އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދާއި ދުރު ހިސާބެއްގައި މަސައްކަތްކުރެވޭނެ ބިމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެއާއިއެކު އެކަމަށް ބޭނުންވާ މުވައްޒަފުން ބޭނުންވާކަމަށާއި، އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަންޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެ އުފެއްދުމުގެ ފެންވަރު ބެލޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އެކަމާއި ގުޅޭ އުސޫލެއްވެސް ތައްޔާރުކުރަންޖެހޭ ކަމުގައި ހަސަން ވިދާޅުވިއެވެ.  

އޭނާ ވިދާޅުވީ ރާއްޖޭން ބޭރުން ގެންނަ ގިނަ ގަސްކާނާ ތަކަކީ ކެމިކަލް ހިމެނޭ އަދި ދިވެހި ރާއްޖޭގެ މާހައުލާއި ގުޅުން ކުޑަ ބާވަތްތަކެއްކަމަށެވެ.

ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވީ އެ ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއްކަމަށެވެ.

 
 
 
 
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ