މާލެ: 31°C

އުއްތަމަ ފަނޑިޔާރު ވިދާޅުވެދެއްވީ ބަދަލު ގެނައުމުގައި ހިފަހައްޓަން ޖެހޭ ހަމަތައް!

February 10, 2023
2 ފަހަރު ބަލާފައި
އުއްތަމަ ފަނޑިޔާރު ވިދާޅުވެދެއްވީ ބަދަލު ގެނައުމުގައި ހިފަހައްޓަން ޖެހޭ ހަމަތައް!
އުއްތަމަ ފަނޑިޔާރު ވިދާޅުވެދެއްވީ ބަދަލު ގެނައުމުގައި ހިފަހައްޓަން ޖެހޭ ހަމަތައް!
ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އެކުލެވުން ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވެ، "ބަދަލު ގެނައުމުގައި ހިފަހައްޓަން ޖެހޭ ހަމަތައް" އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެ ދެއްވައިފި އެވެ. "ގަޟާއީ އަހަރު 2023" [ޝަރުއީ ދާއިރާގެ އާ އަހަރުގެ މަސައްކަތްތައް] ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮންމެ އިސްލާހީ ބަދަލެއްގައި ހިފަހައްޓަން ޖެހޭ އަސާސީ ހަމަތަކެއް ހުންނާނެ ކަމަށެވެ. އެ ހަމަތައް އެންމެ ތިލަކޮށް އަދި އެންމެ ސާފުކޮށް ބަޔާންކޮށްދެއްވާފައި ވަނީ 1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވައިލައްވަން އޭރުގެ ރަސްގެފާނު ، އައްސުލްތާން މުހައްމަދު ޝަމްސުއްދީން ނެރުއްވި އަމުރުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި އަމުރުފުޅުން އަޅުގަނޑަށް ފާހަގަ ކުރެވޭ ފުރަތަމަ ކަަމަކީ އިސްލާމްދީނާ ހިލާފުނުވާ ގޮތަށް ގާނޫނު ހެދުމަށް އަމުރުކުރައްވާފައިވާ ކަން. ދެވަނަ ކަމަކީ މިރާއްޖޭގެ މުސްކުޅި އާދަކާދައިގެ ތެރެއިން ޒަމާނަށް ކަމުދާން ހުރި ގޮތްތައް ލައިގެން ގާނޫނު ހެދުމަށް އަމުރުކުރައްވާފައިވާ ކަން. ތިން ވަނަ ކަމަކީ ދައުލަތަށް ލިބިހުރި ފައިސާއެއްގެ މައްޗަށް ވިސްނުން ބަހައްޓައިގެން ގާނޫނު ހެދުމަށް އަމުރުކުރައްވާފައިވާ ކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަމްސުއްދީނު ރަދުންގެ އަމުރުފުޅުން ފާހަގަ ކުރެވުނު ހަތަރު ވަނަ ކަމަކީ އުއްތަމަފަނޑިޔާރު ވިދާޅުވި ގޮތުގައި ރާއްޖޭން ދީފައިވާ އިންޓަނޭޝަނަލް ކޮމިޓްމެންޓް ތަކަށް ކަމޭ ހިތޭ ގޮަތަށް ގާނޫނު ހަދަން އަމުުރުކުރައްވާފައި ވުމެވެ. ޖޭއެސްސީއަށް ގެންނަ ބަދަލަކީ ޝަރުއީ ދާއިރާއަށް މިއަހަރު އަންނަ އިންގިލާބީ ބަދަލެއް ކަމަށް ސިފަކުރައްވައި، މިދިޔަ އަހަރު އަލަށް އަމަލުކުރަން ފެށި މަދަނީ އިޖުރާއަތުގެ ގާނޫނަކީ ވެސް އެފަދަ ބަދަލެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ. މިއަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނަކީ ވެސް ޝަރުއީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ އިލްމީ ގާބިލުކަން އިތުރުކުރަން ޝަރުއީ ދާއިރާއިން ވެސް އަންނަނީ ގިނަ މަސައްކަތްކަތެއް ކުރަމުންނެވެ. ރާއްޖެއާ އެކުވެރިކަން އޮންނަ އެހެން ގައުމުތަކުގެ އެހީތެެރިކަން އެކަމުގައި ވަރަށް ބޮޑަށް ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ. "ރަސްމީ ސިފައެއްގައި ދެވޭ ތަމްރީނުގެ އިތުރުން، ފަނޑިޔާރުންނަކީ ގާނޫނުތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް، ދުވަހުން ދުވަހަށް މަސައްކަތްތައް ބައްޓަންކުރާ ބަޔަކަށް ވުމަށް ޓަކައި، އެފަދަ ބަދަލުތަކަށް އަހުލުވެރިވެ، ފަރުދީ ގޮތުން އެކަން ދިރާސާކޮށް، ތިމާގެ ނަފުސު އަދާހަމަކުރަން ޖެހޭ ބައެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ގާނޫނީ ނިޒާމު ފުޅާވެ ތަރައްގީ ވާއިރު އެ ނިޒާމުގެ މަގުސަތު ހާސިލުވާނީ ފަނޑިޔާރުން އާ ގާނޫނުތަކަށް އަހުލުވެރިވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ