މެޓް އޮފީހުންގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް “މިނިވަން” އަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރޭގެ ރަށްތަކަށާއި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، މޫސުން ގޯސްވާ ވަގުތުތަކުގައި ފެން ބޮޑުވުމުގެ އިތުރުން އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން މޫސްން ގޯސް ވުމުގެ ސަބަބުން އިއްޔެ ވެސް ކުޅުދުއްފުށީ ހިސާބު ތަކަށް އުދަ އަރާފައި ވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ހާފިޒް ވިދާޅުވިއެވެ.
މިއަދުގެ މެންދުރުފަހު 15:00 އާ ހަމައަށް އުތުރުގެ ރަށްތަކަށް ޔެލޯއެލާޓް ނެރެފައިވާއިރު، މެޓް އޮފީހުން ބުނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.







