މާލެ: 31°C

ޝަންގްރިއްލާ މައްސަލާގައި މައުސޫމު ދެއްވި ޖަވާބާ މެދު ނަޝީދުގެ ނުރުހުން

February 14, 2023
2 ފަހަރު ބަލާފައި
ޝަންގްރިއްލާ މައްސަލާގައި މައުސޫމު ދެއްވި ޖަވާބާ މެދު ނަޝީދުގެ ނުރުހުން
ޝަންގްރިއްލާ މައްސަލާގައި މައުސޫމު ދެއްވި ޖަވާބާ މެދު ނަޝީދުގެ ނުރުހުން
އައްޑޫ، ޝަންގްރިއްލާ ރިޒޯޓް، ބަންދުކޮށްފައި އޮންނަ މައްސަލާގައި ކުރާ ސުވާލުތަކަށް ޓޫރިޒަމް މިނިސްޓަރު މައުސޫމްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅު ކުރައްވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ޝަންގްރިއްލާ އާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށާއި އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ޝަންގްރިއްލާގެ މައްސަލައިގައި މެމްބަރުން ތަކުރާރުކޮށް އެބަ ސުވާލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު މައުސޫމު މީގެ ކުރިން ހާޒިރުވެވަޑައިގެންނެވި ދުވަސްތަކުގައި ވެސް އައްޑޫ މެމްބަރުން އެންމެ ބޮޑަށް ކުރެއްވި އެއް ސުވާލަކީ ޝަންގްރިއްލާ ހުޅުވުން ލަސްވާ މައްސަލައިގެ ސުވާލެވެ. "ކޮން އިރަކުންތޯ އޭ ހިއްސާ ދޫކުރެވޭނީ، ކާކުތޯ އޭ އެއްބަސްނުވެގެން އުޅެނީ، އަޅުގަނޑު ދެކޭ ގޮތުގައި ޝަންގްރިއްލާގެ މައްސަލަ ތަކުރާރުކޮށް މެންބަރުން އެބަ ސުވާލު ކުރައްވާ، އެއަށް އެކަށީގެންވާ ޖަވާބެއް ލިބޭތަނެއް ނުފެނޭ " ނަޝީދު ނުރުހުން ފާޅުކުރައްވާ ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ޝަންގްރިއްލާ ހުޅުވޭނީ ކޮން ދުވަހަކު ތޯ ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެތަން ހުޅުވޭނެކަމަށް ކުރިން ވެސް އުންމީދު ކުރެއްވިކަމަށެވެ. އަދި އެތަން އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރިކަމުގައި ވެސް ވިދާޅުވިއެވެ. "ޕްރައިވެޓު ވިޔަފާރިއެއް، ސަރުކާރުން ކޮށްދެވެން އޮތް އެންމެ ބޮޑު ކަންތައް ކޮށްދީފިން، އެއީ ކުލި ވަރަށް ކުޑަ ކޮށްދީފިން،" މައުސޫމް ވިދާޅުވި އެވެ. އަދި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ޖަވާބާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މެންބަރު ސުވާލު ކުރެއްވީ ޝަންގްރިއްލާ ހުޅުވޭނެ ދުވަހަކާ ގުޅޭ ގޮތުން ކަމަށެވެ. މިއަހަރު އެތަން ހުޅުވޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި މިނިސްޓަރު މައުސޫމް ވިދާޅުވި ނަމަވެސް މަޖިލީހުގެ ރައީސްއަށް އެ ޖަވާބު ކަމުނުގޮސް މިނިސްޓަރުގެ ވާހަކަ މެދުކަނޑާލައްވާ ތަކުރާކުކޮށް ސުވާލުކުރެއްވީ ހިއްސާ ލިބޭނީ ކޮންއިރަކުތޯއެވެ. އައްޑުގައި ހުޅުވި ފުރަތަމަ ދެރިސޯޓުގެ ތެރެއިން އެއް ރިސޯޓު ކަމުގައިވާ ޝަންގްރިއްލާ ބަންދުކުރީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ސަބަބުން ކަމަށް ބުނެ 2020 ގެ އޮގަސްޓްގައެވެ. އެ ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގްކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ރިސޯޓެކެވެ. އެ ރިސޯޓުގެ އޮޕަރޭޝަން ހުއްޓި، އެތަނަށް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަމުން އަންނާތީ އެތަނުގެ ސަރުކާރު ހިއްސާ ދޫކޮށްލަން ނިންމާފައިވާކަމަށް މީގެ ކުރިން ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ