މާލެ: 31°C
ޓޫރިޒަމުގައި ރާއްޖެއަށްވުރެ ލަންކާ ކުރި ހޯދަނީ

ޓޫރިޒަމުގައި ރާއްޖެއަށްވުރެ ލަންކާ ކުރި ހޯދަނީ

April 7, 2024
3 ފަހަރު ބަލާފައި
ޓޫރިޒަމުގައި ރާއްޖެއަށްވުރެ ލަންކާ ކުރި ހޯދަނީ
މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި، ރާއްޖެއާ އަޅާބަލާއިރު އަވައްޓެރި އަދި ވާދަވެރި ސްރީލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ. ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެގައުމަށް ވަނީ 635،784 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ދިވެހިރާއްޖެއަށް މި މުއްދަތުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ޒިޔާރަތްކޮށްފައިވަނީ، 604،004 ފަތުރުވެރިންނެވެ. މިއީ މި މުއްދަތުގެ ތެރޭގައި ލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ވުރެ 31،780 ފަތުރުވެރިންގެ ދަށްވުމެކެވެ. ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރިލްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ޗައިނާ އިންނެވެ. މިއީ ދިވެހިރާއްޖެއަށްވެސް މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. ސްރީލަންކާއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:
  • އިންޑިއާ:98،628
  • ރަޝިއާ:93،087
  • އިނގިރޭސިވިލާތް:60،942
  • ޖަރުމަނުވިލާތް:49،614
  • ޗައިނާ:39،893
ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:
  • ޗައިނާ:69،028
  • ރަޝިއާ:63،272
  • އިނގިރޭސިވިލާތް:61،394
  • ޖަރުމަނުވިލާތް:48،581
  • އިންޑިއާ:35،378
ލަންކާގެ ޓޫރިޒަމް ރަނގަޅުވާން ފަށާފައިވާއިރު، މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި އެގައުމުގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮތުން 2019 ވަނަ އަހަރު އީސްޓަ ބޮމުގެ ހަމަލާގެ އިތުރުން ކޮވިޑްގެ ސަބަބުން ލަންކާގެ އިގްތިސާދު މިދިޔަ އަހަރުތަކުގައި ވަނީ މިއިން ޒަމާނަކު ދަށަށް ނުދާހާ ވަރަށް ދަށަށްގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ