މާލެ: 31°C
އާސަންދައިގެ ދަށުން އައިވީއެފްއާއި އައިޔޫއައި ފަރުވާއަށް އަންނަމަހު ހުޅުވާލަނީ

އާސަންދައިގެ ދަށުން އައިވީއެފްއާއި އައިޔޫއައި ފަރުވާއަށް އަންނަމަހު ހުޅުވާލަނީ

February 23, 2024
3 ފަހަރު ބަލާފައި
އާސަންދައިގެ ދަށުން އައިވީއެފްއާއި އައިޔޫއައި ފަރުވާއަށް އަންނަމަހު ހުޅުވާލަނީ

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ދެ ފަރުވާއެއް ކަމަށްވާ، އައިވީއެފް އާއި އައިޔޫއައިއަށް އާސަންދައިގެ ދަށުން އެދުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ފަރުވާއަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި މި އުސޫލު ބައްޓަން ކުރވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ޚިދުމަތް ލިބޭ ގޮތަށް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ކެއަރ ސެންޓަރެއް ޤާއިމް ކުރެވިގެންދާނެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އެންސްޕާއިން ގެޒެޓް ކޮށްފައިވާ އުސޫލުގެ ދަށުން އާސަންދަ ސްކީމުން އައިޔޫއައިގެ ފަރުވާ ފޯރުކޮށްދޭނީ ތިން ފަހަރުއެވެ. އަދި އައިވީއެފްގެ ފަރުވާ ފުރިހަމަކުރުމަށް އެހީ ހަމަޖައްސައިދޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި އުސޫލުގެ ދަށުން އައިޔޫއައި އަދި އައިވީއެފްގެ އެހީ ފޯރުކޮށްދޭނީ ކައިވެނިކޮށްގެން އުޅޭތާ 3 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވާ ނުވަތަ ސަބަބު ދެނެގަނެވިފައިވާ ނުވާ ފަރާތްތަކަށެވެ. އަދި ދަރިމައިވުމުގެ އެހެން ފަރުވާ ކާމިޔާބުނުވެ އައިޔޫއައި ނުވަތަ އައިވީއެފް އަކީ އެންމެ އެދެވިގެންވާ ފަރުވާ ކަމުގައި ސްޕެޝަލިސްޓަކު ލަފާ ދީފައިވާނަމަވެސް މި އެހީ ލިބޭނެއެވެ.

އައިޔޫއައި އަދި އައިވީއެފް އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރު ބައެއް ޝަރުތުތައް:

- ދެމަފިރިން ކުރެ އެއްވެސް މީހަކު ދަރިމައި ނުވާ އޮޕަރޭޝަނެއް ކޮށްފައި ނުވުން. - ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުން. - އަނބިމީހާގެ އުމުރު 25 އަހަރާއި 42 އަހަރާ ދެމެދުގައި ހުރުން އަދި ފިރިމީހާއަށް 55 އަހަރު ފުރިފައި ނުވުން. - އަނބިމީހާގެ ބޮޑީ މާސް އިންޑެކްސް 19 އާއި 30 އާ ދެމެދުގައި ހުރުން. - އެހީއަށް އެދުމުގެ 6 މަސް ކުރިން ދެމަފިރިން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން. - ފާއިތުވި 3 އަހަރު ޖިނާޢީ ކުށެއް ސާބިތުވެ، ހުކުމެއް ކޮށްފައި ނުވުން.

މި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ފޯރުކޮށްދޭނެ ފަރާތްތައް ކަނޑައަޅާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށްކަމަށްވާއިރު، ޕޮއިންޓް ލިބޭ އުސޫލުވެސް އެންސްޕާއިން ވަނީ އާންމު ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ